ނާޒިމްގެ މައްސަލަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށައަޅަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ މައްސަލަ ސްޕްރީމް ކޯޓުގައި އަންނަ ބުރާސްފަތި ދުވަހު އިލްތިމާސްކުރުން ނިންމައިފިއެވެ.
ނާޒިމްގެ ގާނޫނީ ޓީމުން ބުނީ ހައިކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓް މިހާރު ލިބިފައިވާކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ މިހަފްތާ ނިމުމުގެ ކުރިން މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށްކަމަށެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.
އެ ހުކުމް ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓްގެ ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
ހައިކޯޓުގެ ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުއްރައޫފް ވިދާޅުވީ ހަތިޔާރު ފެނުނީ ނާޒިމް ވެސް ހުންނަވަނިކޮށް ނާޒިމްގެ ކޮޓަރިން ކަމަށްވާތީ އެއީ ނާޒިމްގެ ހިޔާދަށުގައި ހުރި ހަތިޔާރު ކަމަށް ބެލެވޭނެ ކަމަށެވެ. ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ ބަޔަކު ލަނޑެއް ދޭން ބެހެއްޓި ހަތިޔާރު ކަމަށް ނާޒިމް ވިދާޅުވި ނަމަވެސް އެކަން ނާޒިމަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށްވެސް ހުކުމްގައިވެ އެވެ.
ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ މައްސަލަ ސްޕްރީމް ކޯޓުގައި އަންނަ ބުރާސްފަތި ދުވަހު އިލްތިމާސްކުރަން ނިންމާފައިވާއިރު، ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ސިންގަޕޫރުގައެވެ. ނަމަވެސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބޭސްފަރުވާގެ ކަންކަން މަޑުޖައްސާލުމަށްފަހު ހޯމް މިނިސްޓްރީން އަންގައިގެން ނާޒިމްއަށް ރާޢްޖެ އައުމަށް އަންގާފައެވެ.
މިކަމާއި ގުޅިގެން ނާޒިމްގެ އާއިލާ ވަނީ ކަންބޮޑުވުންފާޅުކޮށް، ނާޒިމް ދެން ރާއްޖެ އަންނާނީ ބޭސްފަރުވާގެ ކަންކަން ފުރިހަމަކުުރުމަށްފަހުކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ