ފެމިލީ ކޯޓުގެ އިސް ގާޒީ ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ސިވިލް ކޯޓުން މިމައްސަލަ މިހާރު ވަނީ ބަލައިގެންފަ އެވެ. އަދި ސިވިލް ކޯޓުން މައްސަލަ ބަލައިގެންފައިވާތީ ކޯޓުން ވަކި ގޮތެއް ނިންމަންދެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ހަސަންގެ ސުލޫކީ މައްސަލަ މަޑުޖައްސާލުމަށް ހަސަންގެ ފަރާތްޕުޅުން ކޮމިޝަންގައި އެދިފައިވީނަމަވެސް ކޮމިޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖޭއެސްސީ އިން ހަސަންގެ ސުލޫކީ މައްސަލައެއް ބަލަނީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓްގެ ބައްދަލުވުމެއްގައި ހައި ކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓް ފަނޑިޔާރުން ކަމަށާ އެބޭފުޅުން ހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ހަސަން ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެންނެވެ.
މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަރީފްގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށް އޭނާ ވެސް ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އެހެންކަމުން މިއީ ފަނޑިޔާރަކު ސަސްޕެންޑް ކުރި މައްސަލައެއް ކޯޓަކަށް ހުށަހެޅުނު ދެވަނަ ފަހަރެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަން ފެށީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ