ކޮރަޕްޝަނުގެ ތުޙުމަތެއްގައި ހައްޔަރު ކުރެވިފައިވާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ބަންދުގައި ބެހެއްޓުމަށް ދަށުކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކޮށްފިއެވެ.
ޒިޔަތު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މި އަމުރު ޒިޔަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 28 ވަނަ ދުވަހުއެވެ.
ޒިޔަތުގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ދިޔައީ ދޫނިދޫ ގައި ޤާއިމްކުރެވިފައިވާ އޯޑިއޯ ވީޑިއޯ ލިންކް މެދުވެރިކޮށެވެ.
ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ޒިޔާތު ބަންދުކުރި ނުވަތަ ހައްޔަރުކުރި މައްސަލަކަމަށް ބަޔާންކޮށްފައިވަނީ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގައި މަސައްކަތްކުރާ އިސްބޭފުޅުންތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރިސޯޓު ހެދުމަށްރާއްޖެއިން ރަށްތަކާއި ފަޅުތައް ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގެ ހެކި ފޮރުވަފާނެތީއާއި އަދި ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީ ކަން ކްރިމިނަލް ކޯޓުގެ އަމުރުން އެނގެން އޮންނަ ކަމަށެވެ.
އަދި ޒިޔާތުގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުދިނުމާއި ވަކި މަސްލަޙަތަކަށް ބުރަވެ ހުރެ ޢަމަލުނުކުރުމުގެ ވާޖިބާ ޚިލާފްވުމުގެ މައްސަލައާއި ގުޅިގެން ތުހުމަތުތަކެއް އުފެދޭ މިންވަރުގެ ހެކި / ޤަރީނާ ލިބިފައިވާކަން ކްރިމިނަލް ކޯޓުގެ އަމުރުން އެނގެން އޮންނަ ކަމަށްވެސް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
އޭގެތެރޭގައި ޝަފަހީ ހެއްކާއި ކިތާބީ ހެކި ހުރިކަން ފާހަގަކުރެވޭކަމާއި، އިސްތިއުނާފުކުރެވޭ ކޯޓު އަމުރު ނެރުނުއިރު ޢަބްދުالله ޒިޔާތު ބަންދުން ދޫކޮށްލައިފިނަމަ، މައްސަލާގައި ހެކިބަސްދޭން ހުރި ބަޔަކަށް ނުފޫޒެއް ފޯރުވަފާނެކަމުގެ އެކަށީގެންވާ ސަބަބު ތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން އެނގޭކަމަށްވެސް ހުކުމްގައި ވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން އަމުރު ނެރެދީފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅާފައެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި ޒިޔަތު ހައްޔަރުކޮށްފައިވާއިރު، އެމްއެމްޕީއާރްސީ އިން އެތެރެކުރި ބަޑިބޭސް ކޮންޓެއިނަރ އަކާއި ގުޅޭގޮތުންވެސް ޒިޔަތާއި ވަނީ ސުވާލު ކޮށްފައެވެ. ޒިޔަތު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ އެޕާޜްމެންޓް ވެސް ވަނީ އެކި ފަހަރު މަތިން ސަލާމަތީ ބާރުތަކުން ބަލާ ފާސްކޮށްފައެވެ. އަދި އެކިފަހަރު މަތިން ފުލުސް އޮފީހަށް ހާޒިރުކޮށް ޒިޔަތާއި ސުވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޒިޔަތު ބަންދުގައި ބަހައްޓަން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ