ޕްރައިމަރީ ސްކޫލުތަކަށް ފެންވަރު ނުބަލައި ވައްދާ ކުދިންނަށް އަޅާނުލެވިއްޖެ ނަމަ ނާކާމިޔާބު ވެދާނެ: ހަސަން

ފެންވަރަށް ބެއްލެވުމެއް ނެތި ޕްރައިމަރީ ސްކޫލުތަކަށް ވައްދާ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ނުހިންގިއްޖެ ނަމަ އެ ކުދިން ނާކާމިޔާބު ބަޔަކަށް ވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް ޖޭ.އެސްގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖޭ.އެސްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލުގެ އަހަރީ ރިޕޯޓް އިއްވައި ދެއްވަމުން ހަސަން ވިދާޅުވީ ޕްރައިމަރީ ސްކޫލުތަކަށް ކުދިން ވެއްދުމުގައި ކުއްޖާގެ ފެންވަރު ބައްލަވާނެ މިންގަނޑެއް ނެތުމުން ފެންވަރު ނެތް ގިނަ ކުދިންތަކެއް އަަލަށް ސްކޫލާ ގުޅޭ ކަމަށެވެ.
"މިފަދަ ކުދިންނަށް އެހީގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ނުގެންދެވިއްޖެ ނަމަ ޕްރައިމަރީ ތައުލީމުގެ ހަރުފަތުގައި ވެސް މި ކުދިންނަކީ ނާކާމިޔާބު ބަޔަކަށް ވެދާނެ ކަމުގެ ބިރު ބޮޑު،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ފެންވަރު ނެތް ކުދިންނަށް ޖޭ.އެސްގައި ހާއްސަ ޕްރޮގްރާމެއް ހިންގަވާ ކަމަށާއި ނަމަވެސް އެ ޕްރޮގްރާމަށް އިތުރު ޓީޗަރުން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު 2100 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދާ ޖޭ.އެސްގައި ކިޔަަވަމުން ދިއުމާ އެކު ސްކޫލުގެ ދެ ގްރޭޑެއް އެކުގައި ބާއްވަން ޖެހޭ އެއްވެސް ކަމެއް ސްކޫލުގެ ހޯލުގައި ބޭއްވުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.
"މި ރޭގެ އިނާމު ދިނުމުގެ ޖަލްސާ އަކީ މީގެ ވަރަށް ފުރިހަމަ ހެއްކެއް. ވީމާ މި ސްކޫލުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ހަމަ މި ވަގުތު ވެސް ޖާގަ ބޮޑު ހޯލެއް ސްކޫލަށް ބޭނުންވޭ. މިކަމާ މެދު ވިސްނާވަޑައިގެން އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަކީ ސްކޫލުގެ ވަރަށް ބޮޑު އެދުމެއް،" ތާޖުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައި ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ