ކުލި ނުދައްކާތީ ތިން ފްލެޓަކުން މީހުން ހުސްކުރަން ކޯޓުން ހުކުމްކޮށްފި

މާލެ އިން ކުއްޔަށް ދޫކުރައްވާފައިވާ ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ ތެރެއިން ކުލި ނުދައްކައިގެން މިހާތަނަށް ތިން ފްލެޓެއް ނަގަން ކޯޓުން ހުކުމް ކުރައްވާފައިވާ ކަމަށާއި ކުލި ނުދައްކާ އެހެން ފްލެޓްތަކުގެ މައްސަލަ ވެސް ވަރަށް އަވަހަށް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް މާލޭ މުނިސިޕަލްޓީން މިއަދު އިންޒާރު ކުރައްވައިފި އެވެ.
މުނިސިޕަލްޓީން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ސިނަ މާލެ 3،2،1، 4 އާއި މާލޭ ހިޔާ 2،1 ން ދޫކުރައްވާފައިވާ ގިނަ ފްލެޓްތަކަކުން ގަވާއިދުން ކުލި ނުދައްކާތީ، ނުދައްކާ ހުރި ކުލި އެކި މަސްމަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖެއްސެވުމުން ވެސް ގިނަ ފަރާތްތަކަކުން ކުލި ދައްކަމުންނެއް ނުދެ އެވެ.
މުނިސިޕަލްޓީން ވިދާޅުވީ ސިނަމާލެ އާއި މާލޭ ހިޔާ އިން 161 ފްލެޓް ކުއްޔަށް ދޫކުރައްވާފައި ވަނީ އެކަމަށް ޝަރުތު ހަމަވި 9،530 މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށާއި އެއީ ޝަރުތު ހަމަވީ މީހުންގެ އެންމެ 1.69 ޕަސެންޓް ކަމަށެވެ. އެހެންކަމުން ކުލި ނުދައްކައިގެން ހުސް ކުރާ ފްލެޓްތައް އެކަމަށް އެދޭ އެހެން މީހުންނަށް ލަހެއް ނުވެ ދޫކުރައްވާނެ ކަމަށް ވެސް ނޫސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"މިހާތަނަށް ސަރުކާރުން ހަމަޖައްސަވައި ދެއްވި ލުއިކޮށްދެއްވުމުގެ އެއްވެސް ކަމަކުން ވެސް އިތުރު ބަދަލެއް ނައިސް އަދި ފްލެޓުގެ ކުލި ނުވަތަ އަގު އަދާކުރުމުގެ ގޮތުން ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާ ފްލެޓުގައި ދިރިއުޅެމުން ދާ ފަރާތްތަކާ މެދު އަމަލްކުރުމަށް ހަމަޖެހިފައި ވަނީ، އެގްރީމެންޓްގައިވާ ގޮތުގެ މަތިން ޝަރީއަތުން އެމީހުންގެ ފަރާތުން ފްލެޓް ވަކިކުރައްވާ ގޮތަށެވެ. އަދި ފްލެޓް ހުސްނުކޮށްފި ނަމަ އެމީހުން އެތަނުން ނެރުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވާ ގޮތަށެވެ. މިގޮތަށް މިކަން ހަމަޖައްސަވަން ޖެހިވަޑައިގަންނަވަނީ، އެގްރީމެންޓާ ހިލާފުވާ ފަރާތްތަކާ މެދު އެ ފިޔަވަޅު އެޅޭނެ ކަމަށް އެގްރީމެންޓްގައި ވެސް ބުނެފައިވުމާ އެކު، ފްލެޓް ހައްގުވާ އެހެން ފަރާތްތަކަށް އިންސާފުވެރި ގޮތަކަށް މިކަން ހަމަޖެއްސެވުމަށް މި ނޫން ގޮތެއް އޮތް ކަމަކަށް ފެނިވަޑައިނުގަންނަވާތީ އެވެ،" މުނިސިޕަލްޓީގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ އަގަށް ވާ ފައިސާ ދެއްކުމުން އެތަންތަން މިލްކުވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފަ އެވެ. މުނިސިޕަލްޓީން ވިދާޅުވި ގޮތުގައި ކުއްޔަށް ދައްކަން ޖެހޭ ފައިސާ ގިނަވުމުން އެކި މަސްމަހަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް ހަމަޖައްސަވައި ދެއްވި އެވެ.
އެކަމަކު އެގޮތަށް "ހަމަޖައްސަވައި ދެއްވުމުން ވެސް ފްލެޓްތައް ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ އާއި މަހުން މަހަށް ދައްކަން ޖެހޭ ކުލި ދެއްކުމަށް ކުޑަ ވެސް ފަރުވާތެރިކަމެއް އަދި ސަމާލުކަމެއް ނުދީ ފްލެޓްތަކުގައި ތިބޭ ކަމީ ސަރުކާރުން ވަރަށް ހިތާމަކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ،" މުނިސިޕަލްޓީން ވިދާޅުވި އެވެ.
އެތަނުގެ ނޫސް ބަޔާނުގައި، ކުލި ނުދައްކާ ފްލެޓްތަކުގެ އަދަދެއް ހާމަކުރައްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ