މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ތަސްދީގުކުރާނެ: ނަހުލާ

އިންޓަރނޭޝަނަލް މެރިޓައިމް ލޭބާ ކޮންވެންޝަން ނުވަތަ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ މިއަހަރުގެ ވޯރލްޑް މެރިޓައިމް ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުމަށާއި އަދި މިހާރު މަސައްކަތްކުރާ ސީމަނުންނަށް އިތުރު ތަމްރީނު ދިނުން ކަމަށާއި އިންޓަރނޭޝަނަލް މެރިޓައިމް ލޭބާ ކޮންވެންޝަން ނުވަތަ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރާނެ ކަމަށެވެ.
މިވަގުތު ދުނިޔެއަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި ބައެއްކަހަލަ އިސްތިރާޖުތައް ތަމްފީޒުކުރުމަކީވެސް އުނދަގޫ ކަމަކަށް ވެދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.
މިހާރު މިވަނީ ރާއްޖެއާ އިންޑިއާއާއި ދެމެދު ސީދާ ކާގޯ ޝިޕިންގް ހިދުމަތެއްވެސް ފަށާފައި ކަމަށާއި އުންމީދުކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އަދި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލްވާ އަދި ސީމަނުންނަށް އެކިކަހަލަ އާ ފުރުސަތުުތަކެއް ހޯދައިދޭނެ ފާގަތި ބަދަލުތަކަކާ ދިމާލަށް މެރިޓައިމް އިންޑަސްޓްރީ މިސްރާބު ޖެހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެކި ގައުމުތަކުން އަޅާފައިވާ ދަތުރުފަތުރުގެ ފިޔަވަޅުތަކާއި، ބޯޓުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމިއްލަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމުން އެމީހުންނަށް ގައުމުތަކަށް ފޭބުން މިވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައިކަން ފާހަގަކުރައްވައި މިނިސްޓަރ ނަހުލާ ވިދާޅުވީ، މެރިޓައިމް ދާއިރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެކިއެކި ކަންކަން ނުކުރެވި އޮމާންކަމާއެކު މި ސިނާޢަތް ހިންގުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ޖޯގްރަފީގޮތުން ރާއްޖެ އޮތްގޮތުން، ރާއްޖެއަށސް މިކަމުގައި މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށް މިނިސްޓަރ ހިތާބުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކުގެ އަޑު މެދުކެނޑުމެއްނެތި އިއްވައި ދިނުމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާވަނީ ގޮވާލައްވާފައެވެ.
ގްރީންހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު މަދުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ، މެރިޓައިމް ދާއިރާގައި ބޭނުންކުރާ ތެލުގައި ހިމެނޭ ސަލްފާ ކޮންޓެންޓް މަދުކުރުމަށާއި، ބެލެސްޓް ވޯޓާ މެނޭޖްމަންޓް މުއާހަދާ ތަންފީޒުކުރު ކުރުމަށާއި، ކުނި އުކާލައި މެނޭޖުކުރެވޭނެ ފެސިލިޓީތަކުގެ ބޭނުން ހިފުމަށާއި މެރިޓައިމް ދާއިރާގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މައުލޫމާތު ބަދަލުކުރުމާއި އަދި އަންހެނުންގެ ބައިވެރިވުމާއި ދާއިރާގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް މެރިޓައިމް ދާއިރާގެ ގުޅުންތައް ހަރުދަނާ ކުރުމަށްވެސް މިނިސްޓަރުގެ ޚިތާބުގައި ގޮވާލައްވާފައި ވެއެވެ.
މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ "ސަސްޓެއިނަބަލް ޝިޕިންގް ފޯރ އަ ސަސްޓެއިނަބަލް ޕްލެނެޓް" ނުވަތަ "ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ