ކޯޓުން ބޭރުގައި ހައްލު ހޯދަން ޖީއެމްއާރުން ދަނީ ވާހަކަ ދައްކަމުން: ރައީސް

ޖީއެމްއާރު އެއްބަސްވުން އުވާލި މައްލައިގައި ކޯޓުން ބޭރުގައި ހައްލެއް ހޯދުމަށް އެދި ޖީއެމްއާރުން އިސްވެ ދިވެހި ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ ވެރިންންނާއެކު މިއަދު ބޭއްވި ވިޔަފާރި ބައްދަލުބުމުގައި ރައީސް ޔާމީން ވިދާޅުވީ އިތުބާރާއެކު ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ވެސް ހައްލުވާނެ ކަމަށާއި ޖީއެމްއާރުން ދިވެހި ސަރުކާރާއެކު ވާހަކަތައް ފެށީ އެ ކުންފުންޏާއި ދިވެހި ސަރުކާރަށް ވެސް އެއްބަސްވެވޭ ގޮތަކަށް މައްސަލަ ނިންމަން ކަމަށެވެ. އެކަމަށް އިސް ނެގީ ޖީއެމްއާރް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ދިވެހިންގެ އެއާޕޯޓް ދިވެހިން ތަރައްގީ ކުރުން ކަމަށާއި އާބިޓްރޭޝަނުން ނިމޭ ގޮތެއް އިވެލުއޭޓް ކުރައްވާނެ ކަމަށެވެ. ރައީސްގެ ޖީއެމްއާރްގެ ވާހަކަ ދެއްކެވީ ވިޔަފާރިވެރިޔަކާއި ނޫސްވެރިޔަކު އެ ސުވާލު ކުރުމުންނެވެ.
މިއަދު އޮތް ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިޔާ އިން ރާއްޖޭގައި އިންވެސްޓް ކުރަން ހުރަހެއް ނެތް ކަމަށާޢީ ޖީއެމްއާރަށް ވެސް ރާއްޖޭގައި ފުރުސަތު އެބައޮތް ކަމަށާއި އެހެން ނަމަވެސް އެއާޕޯޓް އޮންނާނީ ދިވެހިންގެ އަތުގައި ކަމަށެވެ.
ޖީއެމްއާރުގެ އެއްބަސްވުން އުވާލަން ނިންމާ ދިވެހި ސަރުކާރުން ޖީއެމްއާރަށް ނޯޓިސް ދިނީ 27 ނޮވެމްބަރު 2012 ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެއްބަސްވުން އުވާލުމާއި ގުޅިގެން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ބަދަލުގެ ގޮތުގައި ހޯދުމަށް ޖީއެމްއާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ