ރައީސް ނަޝީދު ބަލިކުރަން ޔާމީންއާއެކު ކޯލިޝަން ހަދަން ތައްޔާރު: އުމަރު

އަންނަ ސެޕްޓެމްބަރު މަހު ހަތްވަނަ ދުވަހު އޮންނަ ރިޔާސި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ބަލިކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމިން އަބްދުލްގައްޔޫމް ގުޅިގެން އެކަންވާ އޮތްކަމަށްވާ ނަމަވެސް އެކަން ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީންއާއި ވާދަކުރައްވާ ނާކާމިޔާބުވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކާއި ފަރާތްތަކުން އުފައްދާފައިވާ ޖުމްހޫރީ ގުޅުމުން މިއަދު ހަވީރު ޖުމްހޫރީ ގުޅުމުގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ކިބައިން މިރާއްޖެއާއި އެމްޑީޕީ ސަލާމަތްކުރަން އެބަޖެހޭ ކަމަށާއި ރައީސް ނަޝީދުއަކީ ލާދީނީ ފިކުރުތަކާއި މަސްތުވާތަކެތި ބޭނުންކުރާ އަދި އެތަކެތި އާއްމުކުރަން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވޭނެ ހުރިހާ މަގެއް ބަންދުކުރަން ޖެހޭ ކަމަށާއި ނަމަވެސް ރައީސް ނަޝީދު ދެވަނަ ބުރަށް ދާނެކަމަށް އުމަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތައް ބަލާއިރުއެމްޑީޕީއާ އެކު ދެވަނަ ބުރަށް ދާނީ ޖުމްހޫރީ ގުޅުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ދެވަނަ ބުރުގައި ރައީސް ނަޝީދުއާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާއި އަދި ޕާޓީތައް އެއްގަލަކަށް އަރައި ރައީސް ނަޝީދު ބަލިކުރައްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ރައީސް ނަޝީދު އާއި ޔާމީންއަކީ ކްލޮރާއާއި ސިގެއްލާ، އެ ދޭއްޗަކީވެސް ބޭރަށް ހިނގުން. އެކަމަކު ދޭތީގެ ނުރައްކާ ކުޑަކޮށް ތަފާތުވާނެ. އެހެންވީމާ އަޅުގަނޑުމެން ކޮލެރާތޯ ސިގެއްލާތޯ ނަގަން ޖެހިއްޖިއްޔާ ނަގާނީ އެތަނުން އެންމެ ޕެއިން ކުޑައެއްޗެއް. އެހެންވީމާ ކޮންމެ ގޮތެއްވިޔަސް މުހައްމަދު ނަޝީދު ބަލިކުރުމަށްޓަކައި ހަދަންޖެހޭ ހުރިހާ ކޮމްޕްރޮމައިޒެއް ސިޔާސީ މައިދާނުގައި އުޅޭ ހުރިހާ ބޭފުޅުން ހައްދަވާނެ. ވަހީދުވެސް ހައްދަވާނެ. ގާސިމްވެސް ހައްދަވާނެ. އަދި ޔާމީންވެސް ހައްދަވާނެ،" ރާއްޖޭގެ އެންމެ ވަރުގަދަ ޑްރަގް ޑީލަރު ކަމަށާއި ގޭންގުތައް ހިންގާ ބޭފުޅެއްކަމަށާއި އަދި ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ޔާމީންއާއި ދިމާލަށް އިނގިލި ދިއްކުރައްވާ މީގެ ކުރިން އަދި މިހާރުވެސް އެވާހަކަ ދައްކަވާ އުމަރު ނަސީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލު ވިދާޅުވީ ޕީޕީއެމްއާއި ރައީސް ވަހީދުގެ ކޯލިޝަނުން މިހާރަކަށް އައިސް ވަރަށް ގިނައިން ގާސިމް އަކީ މީޑިއާއާ ދުރު ބޭފުޅެއް ކަމަށް ވިދާޅުވާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނޫންކަމަށެވެ. އަދި ކުރީރޭ ޓީވީއެމްގައި ބޭއްވި ޕްރޮގްރާމެއްގައި އެތަނުން ގާސިމްއާ ދޭތެރޭ އަމަލުކޮށްފައިވަނީ ވަރަށް ދެރަކޮށް ކަމަށާއި އެޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ގޮތާ ދޭތެރޭ ހިތްހަމަޖެހި ވަޑައިނުގަންނަވާ ކަމަށެވެ. އަދި ގާސިމްއަކީ ރާއްޖޭ ޕްރައިވެޓް މީޑިއާ ތައާރަފް ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އަދި ވަރަށް މީޑިއާއާ ރައްޓެހި ބޭފުޅެއްކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން ހަލީލު ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގައި ވަރަށް ފުރިހަމަ މީޑިއާއެއް އޮންނާނެ ކަމަށާއި އެކަމަށް މީހުންވެސް ތަމްރީން ކުރައްވާނެ ކަމަށެވެ. އަދި ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިންސާނީ ވަސީލަތްތައް ގާއިމްކޮށްދިން ކެންޑިޑޭޓެއް ގާސިމް ނޫނީ ނެތް ކަމަށާއި ގާސިމްއަކީ ރާއްޖޭގެ އެކިއެކި ދާއިރާތަކަށް މީހުން ތަމްރީންކޮށް ވަރަށް ގިނަ ދާއިރާތަކަކަށް އިންވެސްޓް ކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ