މީރާއަށް ދައްކަންޖޭ، އެއްވެސް ފައިސާއެއް ނޯންނާނެ: ގާސިމް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވިލާ ގުރޫޕުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ނުލިބޭ ކަމަށް ބުނެ ނޯޓިސް ފޮނުވި ކަމަށް މީރާއިން ބުނި ނަމަވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޖޭޕީއާއި އެމްޑީޕީގެ އިސްވަފްދެއް ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މީރާއިން ފޮނުވި ކަމަށް ބުނާ ނޯޓިސް ވިލާ ގުރޫޕަށް އަދި ލިބިފައިވާ ކަން އޮފީހުން އަދި ނާންގާ ކަމަށެވެ. ގާސިމް ވިދާޅުވީ ހިނގައިގެން އުޅޭ ކަމެއް ސާފުވުމުން މީޑިއާއަށް މައުލޫމާތު ދެއްވާނެކަމަށާއި، މީރާއިން ނޯޓިސް ފޮނުވިޔަސް އެ އޮތޯރިޓީއަށް ދައްކަންޖެހޭ ނުދައްކާ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އެފަދަ ނޯޓިސް އެއް ފޮނުވައިފިނަމަ އެ ފޮނުވަނީ ބިރުދެއްކުމުގެ ބޭނުމުގައި ކަމަށެވެ.
“އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑު މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނޭ ނުދައްކައެއް. ބަރާބަރަށް ދައްކަމުން މިދަނީ. ދެން ނުހައްގުން އަޅުގަނޑުގެ އަތުން އެއްޗެއް ހޯއްދެވުމުގެ ބޭނުމުގައި ނުވަތަ ބިރު ދެއްކުމުގެ ބޭނުމުގައި އެކަން ކުރައްވާ ކަމުގައިވަންޔާ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް މާފުކުރައްވާށޭ،” ގަސިމް ވިދާޅުވި އެވެ.
މީރާގެ އޮފިޝަލަކާއި ހަވާލާދީ “ހަވީރު” ނޫހުގައި ބުނެފައިވަނީ ވިލާ ގްރޫޕުން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ކަމަށް ސަރުކާރުން ބުނާ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ހޯދަން މީރާ އިން ވިލާ ގްރޫޕަށް 30 ދުވަހު ނޯޓިސް ދީފައިވާ ކަމަށެވެ. ވިލާ ގުރޫޕަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްވެސް މީގެ ކުރިން ވަނީ މީޑިއާގައި ވިދާޅުވެފަ އެެވެ.
ގާސިމް ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ އެކަމުގައި ތިއްބެވި ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވާ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ކުރި ދަތުރުފުޅެކެވެ، އެގޮތުން ގާސިމް ވަނީ ލަންކާގެ ރައީސާވެސް ބައްދަލު ކުރައްވާފައި އެވެ.
އެ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންނެވުމުން އެމްޑީޕީ އާއި ޖޭޕީގެ ސަޕޯޓަރުން ވަނީ ގާސިމަށް ހޫނު މަރިހަބާއެއް ކިޔާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އަމީރުއަހުމަދު މަގަށް އެއްވެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ