ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކެންގަރޫ ކިޑްސް ހުޅުވައިލަނީ

ބިލަބޮންގް ކެންގަރޫ ކިޑްސްގެ ޕްރީސް ސްކޫލްތައް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވާލައި، އެ ކުދިންނަށް ޙާއްސަ ޕްރޮގްރާމްތަކެއް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.
ބިލަބޮންގްގެ ކެންގަރޫ ކިޑްސްގެ ޕްރީސްކޫލްތައް މާލޭގައި ހިންގާ އައިލެންޑާސް ގްރޫޕްގެ ޑިރެކްޓާ އޮފް އެޑިއުކޭޝަން ޖުވޭރިޔާ އިބްރާހިމް މިއަދު ވިދާޅުވީ ކެންގަރޫ ކިޑްސްގެ ޕްރީސް ސްކޫލްތަކުގައި ސްޕެޝަލް އެޑިއުކޭޝަންގެ ޕްރޮގްރާމްތަކެއް ހިންގަން ނިންމީ އެ ސްކޫލްތަކުގައި މިހާރު ކިޔަވާ ކުދިންނެކޭ އެއްފަދައިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކިޔެވުމުގެ ފުރުސަތު ދޭން ވެގެން ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް ގެންގުޅޭނީ އެހެން ކުދިންނާ އެއްކޮށް ކަމަށް ވެސް ޖުވޭރިޔާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެފަދަ ކުދިންނަށް ކިޔަވައިދޭނީ ވަކި ޕްލޭންތަކެއް ހަދައިގެން، އެކަމަށް ޓްރެއިން ކުރެވިފައިވާ ޓީޗަރުން ކަމަށެވެ.
" ކެންގަރޫގެ ފިލޯސަފީއަކީ އެކުއްޖެއް ފެންވަރަކުން މައްޗަށް ގެންދިއުން، މިކަމަކީ އައިލެންޑާސްގެ އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެއް،" ޖުވޭއިރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިލަބޮންގްގެ އާ ސްކޫލެއް އެވިންސް ހުރި އިމާރާތުގައި ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މި މަހުގެ ނިޔަލަށް އެ ސްކޫލުގައި ކިޔަވައިދޭން ފެށޭވަރުވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މާލޭގައި ކެންގަރޫގެ އިތުރު ޕްރީސް ސްކޫލެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ޖުވޭ ވިދާޅުވި އެވެ.
ކެންގަރޫ ކިޑްގެ ޕްރީސް ސްކޫލެއް އަމީނީ މަގުގަ އާއި ހ. ދިވެހި ގޭގައި ވެސް ހިންގަ އެވެ. އެ ދެ ސްކޫލްގައި 500 އެއްހާ ކުދިން މިހާރު ކިޔަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ