އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާން މެމްބަރު ލަތީފް ނިންމައިފި

ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސްކަމަށް ހޮވިއްޖެއްޔާ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މިހާރު ލިބޭ އާމްދަނީގެ ދެ ގުނަ ހޯދައިދޭނަން ކަމަށް އެއިދާރާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ދިއްދޫ ލަތީ) ވިދާޅުވެއްޖެ އެވެ.
މެމްބަރު ލަތީފް މިހެން ވިދާޅުވެފައި މިވަނީ އެފްއޭޭއެމްގެ އެކްސްކޯގައި ތިއްބަވާ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ކުލިގޮތަކަށް މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދިނުމުން، އެކްސްކޯގެ ކޯރަމް ގެއްލި އާ އިންތިހާބެއް ބާއްވަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ވެސް ބުނެފައި ވަތީވެ ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބު ކުރިއަށް ގެންދާނެ ގޮތަކާއި ތާރީހެއް މިއަދުގެ ވަގުތެއްގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން އިއުލާންކުރާނެ ކަމަށް ބެލެވިފައިވާއިރު، މެމްބަރު ލަތީ އަކީ އިންތިހާބަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ފުރަތަމަ ފަރާތެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް މިއަދު ވިދާޅުވީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ މެދު ހިތްހަމަނުޖެހިގެން އެކްސްކޯގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވާނަމަ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވަން ތައްޔާރަށް ހުރި ކަމަށެވެ. އަދި އިންތިހާބުގައި ވާދަކޮށް ހޮވިއްޖެ ނަމަ، ދިވެހި ފުޓްބޯޅައަށް ހީނުކުރާ ފަދަ ކުރިއެރުންތަކެއް ހޯދަދޭނެ ކަމުގެ ޔަގީންކަން ދޭކަމަށާއި އެކަންކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ވަނީ ލިބިފައި ކަމަށްވެސް މެމްބަރު ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑު ހޮވިއްޖެ ނަމަ ހީނުކުރާ ވަރުގެ ކުރިއެރުމެއް ދިވެހި ފުޓްބޯޅައަށް ހޯދަދޭނަން. އަޅުގަނޑުގެ ދައުރު ނިންމާލާނީ އެއްވެސް ދަރަންޏެއް ވެސް ނުބާއްވާ. އަޅުގަނޑު މިހިރީ ވަރަށް ކެރިގެން އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ތައްޔާރަށް." ލަތީފް ވިދާޅުވި އެވެ.
މީގެއިތުރުން ލަތީފް ވިދާޅުވީ، އެފްއޭއެމްގެ ރައީސްގެ މަގާމަށް ހޮވިއްޖެނަމަ ރާއްޖޭގެ ރަށް ރަށުގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެރަށް ރަށުގެ ޓީމް ތަކަށް ބޯޅަ އާއި ގޯލް ދާގަނޑުގެ އިތުރުން ފައިސާގެ އެހީވެސް ދޭނެ ކަމަށެވެ.
މެމްބަރު ލަތީފުގެ އިތުރުން އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެން ކުރިމަތިލާން ނިންމާފައިވާ އަނެއް ފަރާތަކީ ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިޔާޒް ރަޝީދު ކަމަށް ބައެއް މީޑިއާ ތަކުގައި މިއަދު ރިޕޯޓްކުރި ނަމަވެސް، ވީނިއުސްއާ ވާހަކަ ދައްކަވަމުން މެމްބަރު ރިއާޒް ވިދާޅުވީ، އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލާން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
" ތިކަމާ ބެހޭ ގޮތުން މިވަގުތު ވަކިއެއްޗެއް ބުނަން ބޭނުމެއް ނޫން" ކުޅިވަރު ސާމާނު ވިއްކާ މަޝްހޫރު އޯލްސްޕޯޓްސް އާއި މެރީޑިއަމް ކުންފުނީގެ ޗެއާމަން ރިޔާޒް ވިދާޅުވި އެވެ.
މިދިޔަ މެއިމަހު 30 ވަނަ ދުވަހު އެފްއޭއެމަށް އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދިން މެންބަރުންނަކީ ނައިބު ރައީސް އަލީ އުމަރާއި ކުރީގެ ނޯމަލައިޒޭޝަން ކޮމިޓީގެ ނައިބު އަހުމަދު ޝަކީބާއި ނިއުރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާއާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސަ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ.
އެކްސްކޯ 5 މެމްބަރުން އިސްތިއުފާ ދިނީ އެކްސްކޯގެ ތެރޭ ހިޔާލުތަފާވުންތަކެއް އުޅޭކަމުގެ އަޑުތައް އަރާފައިވަނިކޮށެވެ.
އެކްސްކޯގައި ދެން ބާކީ ތިބޭނީ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ނައިބް ރައީސް މުހައްމަދު ކަލީމުގެ އިތުރުން ދެ މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ އިތުރުން އަހުމަދު ޒަރީރެވެ.
އެފްއޭއެމްގެ އިންތިޚާބު އަލުން ބާއްވަން ޖެހޭއިރު، މީގެ ތިންމަސް ކުރިން އެފްއޭއެމްގެ އިންތިހާބު ބޭއްވުނީވެސް ދެއަހަރުގެ މަސައްކަތުންނެވެ. ތިން ފަހަރެއްގެ މަތިން އިންތިޚާބު ބާއްވަން މަސައްކަތްކުރި ނަމަވެސް ތަފާތު ސަބަބުތަކާހުރެ އިންތިހާބު ނުބޭއްވި ލަސްވެ، ފީފާއިން އޮތީ ރާއްޖެ ސަސްޕެންޑް ކުރުމުގެ އިންޒާރުވެސް ދީފައެވެ. އެކަމުގެ ސަބަބުން ވެސް އޭރުވެސް ދިވެހި ފުޓްބޯޅއަށް ލޯބިކުރާ ގިނަފަރާތްތަކުން ބުނަމުން ދިޔައީ ދިވެހި ފުޓްބޯޅަ އިހަށް ވުރެ ދަށަށް މިހާރު ދަމުންއަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ