ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓުގެ އަގު ބޮޑެއް ނުކުރާނަން - ސްޓެލްކޯއާއި ފެނަކަ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެޔަސް ކަރަންޓުގެ އަގު ބޮޑު ނުކުރާންކަމަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ފެކަނަ ކޯރޕަރޭޝަނުން ބުނެފިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި އިއްޔެއިން ފެށިގެން ބޮޑުކޮށްފައެވެ.
ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް ފިއުލު ސާޗާޖު އަލުން ނަގަން ނިންމާފައި ނުވާކަމަށެވެ. އެގޮތުން ސްޓެލްކޯއަށް ލިބޭ އާމްދަނީގެ %70 ޚަރަދުވަނީ ތެޔޮ ގަތުމަށްކަމަށާއި، ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރުމުގެ ބަދަލުގައި ސްޓެލްކޯއިން ބޭނުންވަނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓްގެ ޙިދުމަތް ދިނުންކަމަށް ޒުހޫރު ވިދާޅުވިއެވެ.
ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ވަނީ ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުންވެސް ފިއުލްސާޗާޖް ނަގަން ނިންމާފައި ނުވާކަން ހާމަކޮށްފައެވެ. އެހެންކަމުން ތެލުގެ އަގަށް އައިބަދަލާ ގުޅިގެން ކަރަންޓުގެ އަގަށް ބަދަލެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ތެލުގެ ޑިއުޓީ ސަރުކާރުން 5 އިންސައްތަ ކުޑަކުރުމާއި ގުޅިގެން ފެނަކައާއި ސްޓެލްކޯއިންވަނީ ފިއުލްސާޗާޖު އެއްކޮށް ކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ