މޮސްކޯ (އޮކްޓޯބަރު 5) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ރަޝިޔާ އަށް ރޭ ވަޑައިގެން، މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަން އާއްމުކޮށް ރަސްގެފާން ބޭނުން ކުރައްވާ ކަރަންޓް ސިޑި ވަކި ހިސާބަކުން ހުއްޓިއްޖެ އެވެ.
މޮސްކޯގެ ވުނުކޯފް-2 އެއާޕޯޓުގައި 81 އަހަރުގެ ރަސްގެފާން ދަތުރުކުރެއްވި ސައުދީ އެއާލައިންސްގެ ޚާއްސަ މަތިންދާ ބޯޓު ޖެއްސުމާ އެކު ކަރަންޓް ސިޑިން ރަސްގެފާން ފައިބައިވަޑައިގެން މެދަކާ ހިސާބުން ސިޑި ހުއްޓުނެވެ. އެ ވަގުތު ކުޑަ އިރުކޮޅަކު ރަސްގެފާން މަޑުކުރެއްވި އެވެ. ދެން ހެދުންކޮޅު ރަނގަޅު ކުރެއްވުމަށް ފަހު އެންމެ ފަހުން ޖެހިވަޑައިގަތީ ހިންގަވާފައި ސިޑިން ފައިބައި ވަޑައިގަންނަވާށެވެ. އޭރު ރަސްގެފާނަށް އެހީތެރިވާން އަރިހުގައި މީހުން ތިއްބެވެ.
ސަލްމާން ރަސްގެފާން ބޯޓުން ފައިބައިވަޑައިގަތުމާ އެކު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރަޝިޔާގެ ބޮޑު ވަޒީރުގެ ނައިބް ދިމިތުރީ ރޮގޮޒިން އެވެ.
ރަޝިޔާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ސަލްމާން ރަސްގެފާން ވަޑައިގެންނެވީ ހާހަކަށް ވުރެ ގިނަ މީހުންގެ ބޮޑު ވަފުދަކާ އެކު އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ސަލްމާން ރަސްގެފާން މަޝްވަރާ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ސައުދީ އަށް ހަތިޔާރު ވިއްކުން ހިމެނެ އެވެ. ހަތިޔާރު އެއްބަސްވުން ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ.
ރަޝިޔާގެ އެޖާނީ މިނިސްޓަރު އެލެގްޒެންޑާ ނޮވަކް ޓާސް ނިއުސް އެޖެންސީ އަށް ވިދާޅުވީ ރަޝިޔާގައި އެއް ބިލިއަން ޑޮލަރުގެ ހަކަތައިގެ މަޝްރޫއަކަށް އިންވެސްޓް ކުރަން ސައުދީން ޝައުގުވެރިވާ ކަމަށެވެ.
ސައުދީ ރަސްގެފާން ބޯޓުން ފައިބައިވަޑައިގަންނަވަނިކޮށް ކަރަންޓް ސިޑި ހުއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ