ގާސިމް ރާއްޖެއިން ބޭރަށް ފަރުވާއަށް ނުފޮނުވާތީ ވަކީލުން ހިތްހަމަ ނުޖެހިއްޖެ

ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާއި މެދު އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ހިތްހަމަ ނުޖެހުން ފަޅުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ޣައިރު ހާޒިރު ގައެވެ. ގާސިމް އޭރު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އެވެ. އެރޭ ކޯޓުން ކުރި ހުކުމުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރާ ކަމަށެވެ.
އެކަމަކު އަމުރުގެ އެބައި މިދިޔަ ހަފްތާގައި ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ. އިސްތިއުނާފުކޮށްފައި ވަނިކޮށް ކަރެކްޝަންސްއިން ވަނީ ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުމާއި އެއްގޮތަށް ގާސިމް ބޭރަށް ނުފޮނުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ކަނޑައަޅަނީ ޑޮކްޓަރު ކަމަށާއި ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ލަފާ ދެނީ ވެސް ރާއްޖޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުން ކަމަށެވެ.
އަދި ހުކުމް ކުރީވެސް ކޯޓަށް ހާޒިރު ނުނެވޭނެ ކަމަށްބުނެ ދެ ފަހަރު ޑޮކްޓަރުގެ ލިޔުން ހުށަހަޅާފައި ވަނިކޮށް ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ހުކުމް ކުރީ އެ އަޑުއެހުން ކެންސަލްކޮށްދޭން އެދި ފޮނުވި ސިޓީ ބަލައި ނުގަނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ