ބާރުގަދަ ކަރަންޓެއްގެ ސަބަބުން ވިލިގިލީ ބައެއް ގެތަކުގެ ކަރަންޓު ސާމާނު ހަލާކުވެއްޖެ

ގއ. ވިލިނގިލީ ފެނަކަ އިންޖީނުގޭން ދޫކުރި ހައި ވޮލްޓޭޖެއް ކަރަންޓެއްގެ ސަބަބުން އެ ރަށުގެ ބައެއްގޭގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވެއްޖެ އެވެ. ވިލިގިލީ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަފާ އިއްޔެ 'ސަން'އަށް ވިދާޅުވީ އެ މައްސަލަ ދިމާވީ އެ ރަށުގެ ކަރަންޓު ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. "ރަށުގެ ހަމަ ވަރަށް ގިނަ ގޭގޭގެ ކަރަންޓު ސާމާނަށް ވަނީ ގެއްލުންތަކެއް ލިބިފައި، ހަލާކުވެފައި،" މުސްތަފާ ވިދާޅުވި އެވެ. ވިލިގިލީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު ހައިތަމް އަބްދުލް މުހިސިން ވިދާޅުވީ ކަރަންޓު މައްސަލައެއް ދިމާވި ކަމަށެވެ. ނަމަވެސް އޭނާ އެކަމުގެ ތަފްސީލެއް ނުދެއްވި އެވެ. ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ މައްސަލަ ދިމާވީ އެ ރަށު އިންޖީނުގޭގެ ޓާސްފޯމަރެއް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ މަސައްކަތް ކުރަމުންދަނިކޮށް، ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުންވީ ބާރުގަދަ ކަރަންޓެއް ދޫކުރެވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލިބުނު ގެއްލުން އަންދާޒާކޮށް، އެކަން ދިމާވާން މެދުވެރި ސަބަބު ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ވިލިނގިލީ ފެނަކައިގެ ރީޖަނަލް ސެންޓަށް އަންގާފައިވާނެ ކަމަށެވެ. "އިންޖީނުގޭގެ ޓްރާސްފޯމަރު ބަދަލު ކުރުމުގެ މަސައްކަތް ކުރީ އެކަން ކުރުމުގެ ގާބިލްކަން ލިބިގެންވާ ބައެއް. ނަމަވެސް އެ މައްސަލަ ކުރިމަތިވާން ދިމާވި ސަބަބު ދެނަގަތުމަށް އެސެސްމެންޓް ހެދުމަށް ވާނީ އަންގާފައި،" އޮފިޝަލް ވިދާޅުވި އެވެ. ރައްޔިތުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު ފެނަކައިން ދޭނެތޯ ސުވާލު ދެންނެވުމުން އޮފިޝަލް ވިދާޅުވީ "އެކަން ވެސް ދެނެގަނެވޭނީ އެސެސްމެންޓް ހެދުމުން. ހާލަތު ދެނެގަތުމުން. ކީއްވެގެން، ކިހިނަކުންވީ ކަމެއްކަން އެނގިގެން،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ