މައުމޫން ފެކްޝަންގެ ކޮމެޓީ ބައްދަލުވުމުގައި އެމްޑީއޭގެ މެންބަރު އަރީފް

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށާއި، މުސްތަޝާރު (ރައީސް އަބުދުﷲ ޔާމީން)ގެ ބެއްލެވުމުގެ ދަށުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މިއަދު ހެނދުނު ސިވިލް ކޯޓުން ހުކުމް ކުރުމާއެކު، އެ ޕާޓީގެ "ކައުންސިލް ބައްދަލުވުމެއް" ކަމަށް ބުނާ ބައްދަލުވުމެއް އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ބާއްވައިފިއެވެ.
މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި މައުމޫން ފެކްޝަންގެ ކޮމެޓީ ބައްދަލުވުމުގައި އެމްޑީއޭގެ މެންބަރު ހުސައިން އަރީފް ބައިވެރިވެވަޑައިގެންފިއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު، އެމްޑީއޭގެ ހުސައިން އަރީފް މިއަދު މައުމޫން ފެކްޝަނުގެ ކޮމެޓީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި އިރު، ޕީޕީއެމްގެ ބައެއް މެންބަރުންވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، ޕީޕީއެމްގެ ކައުންސިލުގައިވެސް ހިމެނޭ، ބާރަށު ދާއިރާގެ މެންބަރު އިބުރާހީމް ޝުޖާއުގެ އިތުރުން ކައުންސިލުގައި ނުހިމެނޭ، ވެލިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނާއި، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބަށް ހުކުންކޮށް ޖަލަށްލީފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި، ޕީޕީއެމް އިން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ހިމެނިވަޑައިގަންނަވައެވެ.
ޕީޕީއެމްގެ "ކައުންސިލް ބައްދަލުވުމެއް" ކަމަށް ބުނާ ބައްދަލުވުމެއް މިއަދު ރައީސް މައުމޫންގެ ފެކްޝަނުން ބާއްވާފައިވާއިރު، އެ ބައްދަލުވުމުގެ ކޯރަމް ހަމަވިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ނަމަވެސް، ކޯރަމް ހަމަވީ ކައުންސިލުގެ ރުހުން ނެތި ރައީސް މައުމޫން ފަރުދީގޮތުން އިއްޔެ ކައުންސިލަށް އައްޔަނުކޮށްފައިވާ އުމަރު ނަސީރާއި ސޮފްވާން ވެސް ހިމަނައިގެން ކަމަށްވާއިރު، އުމަރު ނަސީރާއި ސޮފްވާނަކީ ކައުންސިލް މެންބަރުން ކަމަކަށް ޕީޕީއެމް އަކުން ޤަބޫލެއް ނުކުރެއެވެ. ހަމައެހެންމެ ޕާޓީއިން ވަކިކޮށްފައިވާތީ ފާރިސް މައުމޫންއަކީވެސް އޭގެ ޒާތުން ކައުންސިލް މެންބަރެއް ނޫނެވެ.
ކައުންސިލުގައި ނުހިމެނޭ ބައެއް މެންބަރުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެފައިވާތީ، އެކަމާބެހޭގޮތުން މައުލޫމާތު ދެއްވަމުން، ކައުންސިލުގެ ރުހުން ނެތި ރައީސް މައުމޫން އިއްޔެ ކައުންސިލަށް އައްޔަނުކޮށްފައިވާ އުމަރު ނަސީރު ވިދާޅުވީ، މެންބަރު މުސްތަފާއާއި މެންބަރު އަރީފްވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް މައުމޫނަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ނައިބުރައީސްގެ މަޤާމުން އަބުދުއްރަހީމް އަބުދުﷲ ވަކިކުރުމަށް ރައީސް މައުމޫން ކުރިން ނިންމަވާފައިވާ ނިންމެވުމަށް ކައުންސިލުގެ ރުހުން ހޯދުމުގެ އިތުރުން އުމަރު ނަސީރާއި އަޙުމަދު ސޮފްވާން އެ ޕާޓީގެ ކައުންސިލަށް އައްޔަނުކުރުމަށް ރައީސް މައުމޫން ކުރިން ނިންމަވާފައި ނިންމެވުންވެސް ފާސްކޮށްފައެވެ. އެކަން ފާސްކޮށްފައިވަނީ، އެ މެންބަރުންވެސް ހިމެނޭގޮތުން ކޯރަމް ހަމަކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ