އަޅުގަނޑުގެ ވެރިކަމެއްގައި ޑޮލަރު އަގު 14 ރުފިޔާއަށް ތިރިކޮށްދޭނަން: ގާސިމް

މިހާރު 15.42 ރުފިޔާއަށް ވިއްކަމުން އަންނަ ޑޮލަރުގެ އަގު ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި 14 ރުފިޔާއަށް ތިރިކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޑޮލަރުގެ އަގު ތިރިކުރެވޭނީ، ރާއްޖެއަށް ފޮރިން އެކްސްޗޭންޖްތައް އިތުރު ކޮށްގެން ކަމަށެވެ. އަދި ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ޑޮލަރުގެ އަގުހެޔޮ ކުރާނެ ކަމަށް ވައުދުވެ، ބޭންޑަކަށް ޑޮލަރުގެ އަގުތައް ފެއްތުމަކީ "މީހުން އެކަމަށް ޖޯކު ޖަހާނެ" ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ފުރަތަމަ ދުވަހަކު (ޑޮލަރު އަގުހެވެއް) ނުކުރެވޭނެ. މާތްﷲގެ ވާގިފުޅާއި އެކީގަ އިގްތިސާދީ މަސައްކަތްތައް ކުރުމަށް މީހުންނަށް ފުރުސަތު ދީގެން، ފޮރިން އެކްސްޗޭންޖް ގެނެވޭނެގޮތް އުފެއްދިގެން ނޫނިއްޔާ ކިހިނެއްތޯ އަޅުގަނޑުމެންނަށް ތަރައްގީ ގެނެވޭނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ބޭންޑެއްގެ ތެރެއަށް ޑޮލަރުގެ އަގު ފެއްތުމާއި އެކު، ޑޮލަރުގެ އަގު އުފުލި، ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ދައުރުކުރަން ފެށި ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އާންމުންނަށް ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހިފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ކާކުތޯ 10 ރުފިޔާއަށް ޑޮލަރު ގަތީ؟ މި ކުރެއްވި ކަމަކީ އޭނާގެ (ރައީސް ނަޝީދުގެ) ކެމްޕޭން ގައި ތިމަންނާ ޑޮލަރު 10 ރުފިޔާއަށް ތިރިކުރާނަމޭ ބުނީމަ ބޭންޑެއް ހެދީ. މިކަހަލަ އަނދުން އަޅުވާކަށް ނުވާނޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި އެއްވެސް ގޮތަކަށް ކޮރަޕްޝަން ހިމެނޭ މީހަކު ބައިވެރި ނުކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ވެރިކަން ލިބިއްޖެނަމަ ސަރުކާރުގައި ހިނގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވައި، ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު ޖެހިލުމެއް ނެތި އަޅާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ