ހުކުރު ދުވަހު ބާއްވާ، ޖީއެމްއާރާ ދެކޮޅު އެއްވުން ތަފާތު ހަރަކާތަކަށް ބަދަލުވާނެ: އިއްތިހާދު
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލައި އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޮޑު އެއްވުމެއް ބާއްވާނެ ކަމަށާއި އެ އެއްވުން "ތަފާތު ހަރަކާތަކަށް" ބަދަލުވާނެ ކަމަށް އިއްތިހާދުން މިއަދު ބުނެފި އެވެ. އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައި ދިނުމަށްޓަކައި އިއްތިހާދުގެ ތެރެއިން މަސައްކަތްކުރާ ކޮމެޓީގެ އިސް މެމްބަރު ސޮބާހު ރަޝީދު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 45: 8 ގައި ބާއްވާނީ "އާދަޔާ ހިލާފު ބޮޑު ހަރަކާތެއް" ކަމަށެވެ. "އެ ރޭގައި ހާމަވެގެންދާނެ ޖީއެމްއާރު މައްސަލާގައި ސަރުކާރުގެ ނިންމުން މިހާރު ގޮސްފައިވާ ހިސާބާއި މިކަން [އެއާޕޯޓް އަތުލުމުގެ ކަންތައް] ނިމިގެންދާނެ ގޮތް. އެއީ އެ ރޭ އާންމުންނަށް އެނގިގެންދާނެ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ. "އާދަޔާ ހިލާފު ބޮޑު ހަރަކާތެއް" ހުކުރު ދުވަހުގެ ރޭ ބާއްވާއިރު ޖީއެމްއާރު އެއްބަސްވުން އުވާލުމުގެ ކަންތައް ނިންމަން އިއްތިހާދުން ސަރުކާރަށް ދިން މުއްދަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. ސޮބާހު ވިދާޅުވީ އެއާޕޯޓް އަތުލުމަށް ހިންގާ ހަރަކާތާ ދެކޮޅަށް ބައެއް ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބައެއް އެހެން ފަރާތްތަކުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. ނަމަވެސް އަދާލަތާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އަދި ގައުމީ އިއްތިހާދުން އެ ހަރަކާތަށް ދޭ އެއްބާރުލުން އޭނާ ފާހަގަކުރެއްވި އެވެ. އެއާޕޯޓް އަނބުރާ ހޯދުމުގެ ސިލްސިލާ ހަރަކާތްތަކެއް އިއްތިހާދުން ވަނީ މި މަހުން ފެށިގެން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ