60 އަށްވުރެ ސްޓޯލާ އެކު "ޝޮޕިން ފެސްޓިވަލް" ފަށައިފި

ރާއްޖޭގައި ބާއްވާ ދެވަނަ ކޮންސިއުމާ ފެއާ ނުވަތަ "ޝޮޕިން ފެސްޓިވަލް" 60 އަށް ވުރެ ގިނަ ސްޓޯލާ އެކު މިއަދު ފަށައިފި އެވެ. ގޯ މީޑިއާއިން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި އަހަރުގެ ކޮންސިއުމާ ފެއާ ހުޅުވައްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ. ފެއާ ހުޅުއްވައި ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންސިއުމާ ދާއިރާ އަށް ހާއްސަކޮށްގެން ޓްރޭޑްމާކާ ބެހޭ ގާނޫނެއް ތައާރަފު ކުރުމަށް ޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. "މި ގާނޫނުގެ ސަބަބުން ސޯލް ޑިސްރިބިއުޓާޝިޕް ނަގައިގެން ތިބޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ،" އަހުމަދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފެއާއެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ މި ފެއާ ޖޫން މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އަހަރުގެ ފެއާގައި މުޅިން ވެސް ބައިވެރިވެފައިވަނީ ދިވެހި ކުންފުނިތަކެވެ. ފެއާގައި 28 ކުންފުންޏަކުން 60 ސްޓޯލެއް ބަހައްޓާފައިވެ އެވެ. އެ ސްޓޯލްތަކުގެ ތެރޭގައި ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި މި އަހަރުގެ ފެއާގައި ތަފާތު އުފެއްދުންތައް ދައްކާލަން ބަހައްޓާފައިވާއިރު، ފެއާ ކުރިއަށްދާ ވަގުތުތަކުގައި އަގު ހެޔޮކޮށް މުދާ ވެސް ވިއްކަ އެވެ. އޭގެ އިތުރުން އަލަށް ތައާރަފުކުރާ ކާނާގެ ބާވަތްތަކުގެ ރަހަތައް ދެއްކުން ވެސް އެތަނުގައި ކުރިއަށްދެ އެވެ. އަދި ފެއާ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެން ކޮންމެ 30 މިނެޓަކުން އަދި ގަޑިއަކުން އެއް ފަހަރު ހާއްސަ އިނާމެއް ދެ އެވެ. މާދަމާ ހަވީރު މި ފެއާގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށް ފެއާ އިންތިޒާމުކުރާ ގޯ މީޑިއާއާ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ