އަހަރުގެ ފުރަތަމަ ހަނދުކޭތަ ރޭ ހިފައިފި

މި ގަރުނުގައި ދެވަނައަށް ހިފާނެ އެންމެ ކުޑަ، އަދި މިއަހަރު ހިފާނެ ފުރަތަމަ ހަނދުކޭތަ ރޭ ހިފައިފި އެވެ.
ރޭ މެންދަމު 12:52 އާއި 1:23 އާ ދެމެދު ހިފި މި ހަނދުކޭތަ ރާއްޖެއަށް އެހާ ސާފުކޮށް ފެނިފައި ނުވި ނަމަވެސް މި ހަނދުކޭތަ އާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރޭ ވަނީ ކޭތަ ނަމާދު ކޮށްފަ އެވެ. މާލޭގައި ރޭ ކޭތަ ނަމާދު ކޮށްފައިވަނީ މެންދަމުން އަލިވެ 1:00 ޖެހިއިރު އިސްލާމީ މަރުކަޒު ގައެވެ.
ރޭ ގާތްގަނޑަކަށް 27 މިނެޓުގެ ވަގުތު ކޮޅަކަށް ހިފި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުއްޓާ ރާއްޖެއަށް ފެނިފައިވަނީ ރޭ 1:07 ކާއި 1:10 ކާއި ދެމެދު އެވެ.
ރޭ ހިފި މި ހަނދުކޭތަ ރާއްޖޭގެ އިތުރުން އޭޝިއާގައި ހިމެނޭ ބައެއް އެހެން ޤައުމު ތަކަށާއި، އެފްރިކާ އަދި ޔޫރަޕުގެ ބައެއް ހިސާބު ތަކުގެ އިތުރުން އޮސްޓްރޭލިއާއަށް ވެސް ވަނީ ފެނިފައެވެ.
މި ކޭތައިގެ އިތުރުން ދެން މިއަހަރު ހަނދު ކޭތަ ހިފާނީ މެއި މަހުގެ 25 ވަނަ ދުވަހު އާއި އޮކްޓޫބަރު 18 ވަނަ ދުވަހު އެވެ.
ރޭ ހިފާފައި މި ވަނީ މި ޤަރުނުގައި ދެވަނައަށް ހިފާނެ އެންމެ ކުޑަ ހަނދުކޭތަ ކަމަށްވާއިރު، މި ޤަރުނުގައި އެންމެ ކުޑަކޮށް، އެންމެ ކުޑަ ވަގުތުކޮޅަކަށް ހަނދުކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 2042 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދަވުހުގެ ރޭގަ އެވެ. އެ ކޭތަ ހިފާނީ ހަނދުގެ 0.3 އިންސައްތައަށް، އެންމެ 12 މިނެޓަށެވެ.
ހަނދު ކޭތަ ހިފަން މެދުވެރިވަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ