ހޯމް މިނިސްޓަރުގެ އެންގުމަށް އަޅާލުމެއްނެތި ބޯޑަރ ކޮންޓްރޯލުގެ މަސައްކަތް ކުރިއަށްގެންދަނީ

ބޯޑަރ ކޮންޓްރޯލް ސިސްޓަމު ގާއިމު ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލު އަހުމަދު އެންގެވި ނަމަވެސް އެމަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު ސީއެންއެމަށް ލިބިއްޖެއެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ހުއްޓާލުމަށް ހޯމް މިނިސްޓަރ ޑރ. ޖަމީލު އަންގަވާފައިވަނީ އިއްޔެއެވެ. ނަމަވެސް ބޯޑަރ ކޮންޓްރޯލް ސިސްޓަމު ގާއިމު ކުރުމުގެ މަސައްކަތްތައް މިއަދު ވެސް ފެށިގެން ކުރިއަށް އެބަދެއެވެ. ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮންޓްރޯލަރ ޑރ.މުހައްމަދު އަލީ މިއަދު ވިދާޅުވީ ހޯމް މިނިސްޓަރުގެ އެންގެވުން އިއްޔެ އެ ޑިޕާޓްމެންޓަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތަކީ އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތެއް ނޫނެވެ.
އަދި އެމަސައްކަތް ކުރަމުން ގެންދާ ނެކްސްބިޒްގެ ވިސްނުމަކީ ކޯޓު އަމުރެއް ނާންނަނީސް އެމަސައްކަތް ހުއްޓާނުލުން ކަމަށް ވެސް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.
ޑރ.މުހައްމަދު އަލީ ވިދާޅުވީ ހައިކޯޓުން ނެރުނު ކޯޓު އަމުރާއެކު ނެކްސްބިޒްއިން ބޯޑަރ ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ހުއްޓާލާފައިވާ އިރު، އެ މަޝްރޫއުގެ 95 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެމަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވެސް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމު މައްސަލާގައި ހައިކޯޓުން ކުރިންވަނީ އެމަޝްރޫއު ހުއްޓާލުމުގެ ވަގުތީ އަމުރެއް ވެސް ނެރެފައެވެ.
ނަމަވެސް އެމައްސަލާގައި ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް ބައެއް ކަންތައްތައް ހިންގާފައިވާތީ ސްޕްރީމު ކޯޓުން ނެރުނު މެންޑަމާސް އަމުރަކުންވަނީ އެމައްސަލާގައި ހައިކޯޓުން ނިންމާފައިވާ ހުރިހާ ނިންމުންތައް ބާތިލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ