ސުޕްރީމް ކޯޓުން ކުރި ހުކުމަށް ތައުރީފް ކުރަން: ގާސިމް
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު ޖަލަށްލުމާ އެކު އޭނާ އާއި ނައިބު ރައީސްގެ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ތައުރީފް ކުރައްވައިފި އެވެ. ގާސިމް އެގޮތަށް ވިދާޅުވީ ކިނބިދޫ ދާއިރާގެ ބައެއް ރައްޔިތުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް އެ ޕާޓީގެ މައި ޖަގަހާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ފުއާދު ތައުފީގުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާނުވާނެ ކަމަށް ފުއާދު ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. މިއަދު ކުރި ހުކުމުން އެނގިގެން ދިޔައީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ވިޔަސް ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖް ކޮށްގެން ނުވާނެކަން ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ތައުރީފްކުރާ ވާހަކަ ދަންނަވަނީ ގައުމުގެ މަސްލަހަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެއްވެސް މީހަކީ ގާނޫނުގެ ބޭރުން ކަންތައްތައް ކުރެވޭނެ މީހެއް ނޫންކަން އެނގިގެން ދިޔައިމަ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ އެންމެފަހުގެ ނިންމުން ކަމަށާއި އެ ނިންމާ މެދު ޗެލެންޖް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް އެ ބާރު ނޯންނާނެ ކަމަށެވެ. އެހެންކަމުން އެކަމުގައި ޚިޔާލު ތަފާތުވާ ފަރާތްތަކުން ވެސް މަގުމައްޗަށް ނިކުތުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް ގާސިމް ގޮވާލެއްވި އެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ފުއާދު ހަ މަހަށް ޖަލަށްލުމާ އެކު ފުއާދުގެ އިތުރުން ނައިބު ރައީސް މުހައްމަދު ފަޔާޒްގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ޖަލު ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ