ސިނކުޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު
ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެ މިހާރު ހިމެނެނީ އެންމެ މަތީ ފަންތީގައެވެ. މުޅި ދުނިޔޭގައި ރާއްޖެވަނީ ފަތުރުވެރިކަމުގައި މަޝްހޫރުކަން ހޯދާފައެވެ. މިހާރު ރާއްޖެއަކީ މުއްސަނދިން ދަތުރުކުރާ މަންޒިލެކެވެ. ދުނިޔޭގެ އެންމެ ރީތި ރިޒޯޓާއި އެންމެ އަގު ބޮޑު ރިޒޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ ރިޒޯޓްތައް ހިމެނެއެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި ތަފާތު ވައްތަރުގެ މިލިއަނަރުން ހިމެނެއެވެ. އޭގެ ތެރޭގައި ކުޅިވަރުތައްކުޅޭ މިލިއަނަރުންނާއި ފިލްމުކުޅޭ މިލިއަނަރުންނާއި ތަފާތު ވިޔަފާރިތަކުގެ މިލިއަނަރުން ހިމެނެއެވެ. އެފަދަ މީހުންނަކީ މަދުން މީހުންދާ އަގުބޮޑު ރައްކާތެރި ރީތި މަންޒިލްތަކަށް ޗުއްޓީ ހޭދަކުރަން ދަތުރުކުރާ މީހުންނެވެ. މިހެންވުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާއަތަކީވެސް ގިނައިން ފައިސާ ލިބޭ ގިނަ ވަޒީފާތަކަށް މީހުން ބޭނުންވާ ޞިނާޢަތެކެވެ.ފަތުރުވެރިކަމުގެ ޞިނާޢަތުން ދިވެހިންނަށް ލިބެންވާ އެންމެ ފުރިހަމަ ފައިދާއެއް ނުލިބެއެވެ. މިކަމުގެ ތަފާތު ސަބަބުތައް އެބަހުއްޓެވެ. މީގެތެރޭގައި އެންމެ މުހިއްމު އެއް ސަބަބަކީ ދިވެހި އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް، އެކަށީގެންވާ އިންޓަރެސްޓަކަށް، ރާއްޖޭގައި ހުންނަ ބޭންކުތަކުން ފައިސާ ލިބުން ދަތިކަމެވެ. މިހެންވުމާއި އެކު ދިވެހިންނަށް އިންވެސްޓުކުރާނެ ފައިސާ ރާއްޖޭގައި ހުންނަ ބޭންކުތަކުން ނުލިބޭކަމަށްވާނަމަ އެ ފައިސާ ބޭރުން ހޯދުމުގެ ޤާބިލްކަން ލިބިފައިވާ މީހުން އެފައިސާ ހޯދަނީ ރާއްޖެއިން ބޭރުންނެވެ. ގިނަފަހަރަށް މެދުވެރިއަކާ އެކުގައެވެ. ގިނަފަހަރަށް މެދުވެރިޔާ އަށް ބޮޑު ބައެއް އެޅިގެންނެވެ.ތައްޔާރީ ހެދުުމުގެ ކާރުޚާނާތަކުގެ މަސައްކަތެކޭ އެއްގޮތަށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވެސް ޢާއްމު ރައްޔިތުންނަށް އޮންނާނެ އެންމެ ބޮޑު ފައިދާ އަކީ ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެން ދިއުމެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގެ ވަޒީފާތަކަށްވެސް މިހާރު މިވަނީ ތައްޔާރީހެދުމުގެ ކާރުޚާނާތަކުގެ ވަޒީފާތަކަށް ވީގޮތަށެވެ. ދުވަހެއް ދުވަހަކަށް މަސައްކަތުގައި އުޅޭ ބިދޭސީން ގިނަވަމުންދަނީއެވެ. މިހެންވުމުން މިކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާ ހޯދުމުގެ ފުރުޞަތުތައް ހަނިވެގެންދަނީއެވެ. އަދި ބައެއް ސަބަބުތަކާހުރެ ވަޒީފާތަކަށް ދިވެހިން ނުލިބެނީއެވެ. ނުވަތަ ދިގު މުއްދަތަކަށް ދިވެހިން ވަޒީފާގައި ދެމި ނުތިބެނީއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތަކީ ރާއްޖޭގައި ލިބެން ހުންނަ އެބާވަތުގެ އެހެން ވަޒީފާތަކަށްވުރެ ރަނގަޅު މުސާރައެއް ލިބޭ މަސައްކަތެކެވެ. މިހެންވުމާއި އެކު އެ މަސައްކަތަށް ދިވެހިން ނުލިބޭކަމަށްވާނަމަ، އެއީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވިސްނަވަންވީ، އަދި ފިޔަަވަޅު އަޅުއްވަންވީ މުހިއްމު ކަމެކެވެ.ފަތުރުވެރިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދެއެވެ. ރިޒޯޓްތަކުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ ޚަރަދުތައް ކުރަމުންގެންދެއެވެ. ތަފާތު ޤައުމުތަކުން ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށް ރިޒޯޓްތަކުގެ ވެރިންނާއި ސަރުކާރުން ގިނަގުނަ ޚަރަދުތައް ކުރަމުން ގެންދެއެވެ. ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާއިން ފަތުރުވެރިންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުން ގެންދެއެވެ. ސަރުކާރުން ވެސް ޤާނޫނާއި ޤަވައިދުގެތެރެއިން ފަތުރުވެރިކަމުގެ ފެންވަރު ހިފަހައްޓާ، ފަތުރުވެރިކަން ޙިމާޔަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ފިޔަވަޅު އަޅުއްވަމުން ގެންދަވައެވެ. އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވަންޖެހެނީ ފަތުރުވެރިކަމުގެ ޞިނާޢަތު ދިވެހިކުރުމަށް، ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާކަމެވެ. ފަތުރުވެރިކަމުގެ ފައިދާ ހޯދަންބޭނުންވާ އެންމެ އާދައިގެ މީހާއަށް އެ ފައިދާ ލިބޭނޭމަގު އެންމެ އެކަށީގެންވާގޮތެއްގައި ތަނަވަސްކޮށްދެއްވާފައި ނުވާކަމެވެ. އަލަށް ބީލަމަށްލެވޭ ރަށްތައްވެސް ފަތުރުވެރިކަމަށް ތަރައްޤީކުރަމުން ގެންދަނީ އަމިއްލަ ފަރާތްތަކުންނެވެ. ދިގު މުއްދަތަކަށް ރަށްތައް ކުއްޔަށް ދޫކުރެވިގެންނެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ ޙިއްޞާވާ ކުންފުންޏަކުން ނުވަތަ ރައްޔިތުންނަށް ޙިއްޞާވިއްކައިގެން، ނުވަތަ ރައްޔިތުން ބައިވެރިކުރާ ކުންފުނިތަކަކަށް، ދިގު މުއްދަތަކަށް، ފަތުރުވެރިކަމަށް ރަށްތައް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރެވިދާނެއެވެ. ދިވެހިރާއްޖެއިން ލިބެންހުރިކަމަށް މިއަދާއި ހަމައަށް ހޯދިފައިވާ ޤުދުރަތީ މުއްސަނދިކަމަކީ އަޅުގަނޑުމެންގެ ރީތި ޖަޒީރާތަކެވެ. އެންމެންގެ އަމާޒު ހުއްޓިފައިވަނީ ފަތުރުވެރިކަމުގެ ޞިނާޢަތަށެވެ. ފައިދާ ބޮޑު ކުރިއަރަމުންދާ ޞިނާޢަތަކަށްވާތީވެއެވެ.ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ސާޅީސް އަހަރު ފުރެން ކައިރިވެފައިވާއިރުވެސް އެ ޞިނާޢަަތުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ދިވެހިންނަށް ހެދުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި ބިދޭސިންދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެންމެ އާދައިގެ ވަޒީފާތަކުގައި ވެސް މެއެވެ. ބައިނަލްއަޤްވާމީ ފެންވަރަށް ހިންގާ ރިޒޯޓްތަކުގެ އެކިއެކި ޑިޕާޓްމެންޓުގެ އިސްވެރިންގެ ގޮތުގައި ބިދޭސިން ތިބުމަކީ އެތަންތަނުގެ ޤަވައިދުތައް އޮންނަ ގޮތުން ކުރަންޖެހޭ ކަމަކަށް ވެދާނެއެވެ. އެފަދަ ރިޒޯޓެއްގައި މަސައްކަތްކުރާ ދިވެއްސަކު އެ ކުންފުނީގެ އެހެން ރިޒޯޓެއްގައި އެހެން ޤައުމެއްގައި ވެސް މަސައްކަތް ކޮށްފާނެއެވެ. އަޅުގަނޑު މިދަންނަވަނީ އެވާހަކައެއް ނޫނެވެ. ކިޔަވައިގެން ތިބި މުރާލި، ތަޖުރިބާ ލިބިފައިވާ ދިވެހިން ތިއްބާ ބައެއް ވަޒީފާތައް ބިދޭސިންނަށް ދާ ވާހަކައެވެ. ޚާއްޞަގޮތެއްގައި މިކަން ފާހަގަވެގެންދަނީ ބިދޭސިން ހިންގާ ރިޒޯޓްތަކުގައެވެ. ޚާއްޞަކޮށް އަވައްޓެރި ޤައުމުތަކުގެ މީހުންގެ ކޮންޓްރޯލް އޮންނަ ރިޒޯޓްތަކުގައެވެ. މިހެންވުމުން ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ކޮންމެހެން ލިބެންޖެހޭ ފައިދާވެސް ދަނީ ބިދޭސިންގެ އަތްމައްޗަށެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ހަރުލާންޖެހޭނޭ ނުވަތަ ބެހެއްޓޭނޭ ބޭރުފައިސާ ވެސް ދަނީ ރާއްޖެއިން ބޭރަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން ރައްކާތެރިކޮށް އެމީހުންނަށް ކުރިއެރުމެއް ހޯދައިދިނުމަށް ސަރުކާރުންް އެކަށީގެންވާ ވަރަށް މަސައްކަތްކުރެވިފައިވާ ކަމަކަށް ނުފެނެއެވެ.ތެދުފުޅެކެވެ. ދިވެހިންގެ މަސައްކަތުގެ އަޚްލާޤްގެ މައްސަލައެއް އެބައޮތެވެ. އަދި ބައެއް އާދައިގެ ވަޒީފާތަކަށް ދިވެހިން ހޯދުންވެސް ބައެއް ފަރާތްތަކަށް، ބައެއްފަހަރު އެހާ ފަސޭހައެއް ނޫނެވެ. އަދި ދިވެހިން ޒިއްމާދާރުކަމާއި އެކު ވަޒީފާގައި ދިގު މުއްދަަތަކަށް ބޭތިއްބުމަށްވެސް ބައެއްފަރާތްތަކުގެ ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ. މިކަމުގެ ޙަޤީޤަތް ހޯދުމަށް ސަރުކާރުން ދިރާސާއެއް ކުރެއްވިބާވައެވެ؟ މިކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރެއްވުނީ ކޮން މަސައްކަތެއްބާވައެވެ؟ އެޅުއްވީ ކޮން ފިޔަވަޅެއްބާވައެވެ؟ ރިޒޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ އިޖްތިމާޢި މައްސަލަތަކާއި ބެހޭގޮތުން ވިސްނާ ހައްލެއް ހޯދުމަށް އެއްވެސް އިރެއްގައި މަސައްކަތެއް ކުރެވުނުބާވައެވެ؟ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދަނީ ކުރިއަށެވެ. އެހެންނަމަވެސް އެ ދުވެލީގައި އެދާއިރާގައި މަސައްކަތްކުރާ ދިވެހިން ކުރިއަކަށް ނުދެއެވެ. އެމީހުންނަށް ލިބެންޖެހޭ ފުރުޞަތުތަކާއި އެމީހުންގެ ޙައްޤުތަކާ މެދު ސަރުކާރުން ވިސްނަވާ ފިޔަވަޅު އަޅުއްވަންވެއްޖެއެވެ. އަޅުގަނޑު މިދަންނަވަނީ ރިޒޯޓްގައި ފަތުރުވެރިން ތިއްބައި މުޒާހަރާކުރުމުގު ޙައްޤު ދޭންޖެހޭ ވާހަކައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ