ގާސިމް އިބްރާހީމަށް މަޖިލީހުގެ ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއަށް އޮނަރަރީ ޕީއެޗްޑީއެއް ލިބިވަޑައިގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއަށް ތަހުނިޔާ ވިދާޅުވީ މިއަދު އެމަނިކުފާނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ގާސިމް އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވުމާއެކު، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން އެމަނިކުފާނަށް އަރުވާފައިވާ ޝަރަފަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އަދި ގާސިމް އިބްރާހީމް ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދެއްވާ ޚިދުމަތްތަކެއް ކަމާއި އެކަމުގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުންދާ ކަން ފާހަގަކުރައްވާފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް މިމަހުގެ 16 ވަނަ ދުވަހު މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން އޮނަރަރީ ޕީއެޗްޑީއެއް ލިބިވަޑައިގަތުމާއި ގުޅިގެން ވަރަށް ގިނަ ބޭބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވަމުންނެވެ.
މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީގެ 13 ވަނަ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ގާސިމް އިބްރާހީމްއަށް އޮނަރަރީ ޑޮކްޓަރ އޮފް އެންޓްރަޕްރިނިއަޝިޕް އެވޯޑް އެރުވީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި އެ ޔުނިވަރސިޓީގެ ޗާންސެލަރ ތުން ޖީން އަބްދުﷲ އެވެ.
މެލޭޝިޔާގައި ހުރި އެންމެ ބޮޑު އެއް އިންޓަރނޭޝަނަލް ޔުނިވަރސިޓީ ކަމުގައިވާ އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން އޮނަރަރީ ޕީއެޗްޑީއެއް އެމަނިކުފާނަށް އަރުވާފައިވަނީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ތައުލީމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި އަދި އެހެން ބައެއް ދާއިރާތައް ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވާފައިވާ ބޮޑެތި ހޭދަތަކާއި އަގުހުރި މަސައްކަތްޕުޅަށްޓަކައެވެ.
މިކާމިޔަބީއާއި ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ތައުލީމަށާއި ދިވެހި އާއިލާތަކަށް ތަނަވަސް މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު އިތުރަށް ކުރިއަށް ގެންދިއުމަށް އާ ހިތްވަރެއް ލިބިވަޑައިގެންފި ކަމަށެވެ.
އަދި އިންސާނިއްޔަތަށްޓަކައި ކުރައްވާ ޚިދުމަތުގެ އަގު، ބަޔަކު ވަޒަން ކުރިޔަސް ނުކުރިޔަސް އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން މަތީގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރ އޮފް އެންޓްރަޕްރިނިއަޝިޕް އެވޯޑު ގާސިމް އިބްރަހީމްއަށް އަރުވާފައިވާއިރު މިދިޔަ އަހަރު އެ ޔުނިވަރސިޓީން ވަނީ އެމަނިކުފާނަށް މެރިޓޯރިއަސް އެވޯޑް ވެސް އަރުވާފައި ވެއެވެ.
އަދި ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އިން އަރުވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް އެމަނިކުފާނަށް މިއަހަރު ލިބިވަޑައިގެންފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ