ސާވިސް އެލަވަންސް މައްސަލައިގެ ޝަރީއަތް ފެށުން ހައި ކޯޓުން ފަސްކޮށްފި

ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގަވާއިދުގައި އޮންނަ މާއްދާ ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ފެށުން ހައި ކޯޓުން ފަސްކޮށްފި އެވެ. ސިވިލް ސާވަންޓުން ސަލާމުގައި ތިބޭ ދުވަސްތަކަށް ފައިސާ އުނިކުރަން ޖެހޭ ގޮތަށް އޮންނަ ސިވިލް ސާވިސް ގަވާއިދުގެ 160 ވަނަ މާއްދާގެ ހ. ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު ފަށަން ހަމަޖައްސާފައި އޮތް ނަމަވެސް މިހާރު ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ. ދެން އެ މައްސަލަ ބާއްވާނެ ދުވަހެއް ކަނޑައެޅިކަމެއް ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްކުރީ އެ މައްސަލަ ބަލާ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާތީ އެވެ. އެ މައްސަލާގެ ޝަރީއަތުގައި ޖަވާބުދާރީވާން ޖެހޭނީ ބަންޑާރަ ނައިބު ކަމަށް ވާއިރު ސަލާމް ބުނެގެން ފައިސާ އުނިކުރަން ބަންޑާރަ ނައިބު މުހައްމަދު އަނިލް ކުރިން އޮތީ ލަފާ ދެއްވައިފަ އެވެ. އަދި އެ އޮފީހުގެ މުވައްޒަފުން ސަލާމް ބުންޏަސް ފައިސާ އުނި ނުކުރަން ވެސް އަނިލް އޮތީ އަންގަވައިފަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވެސް ނިންމާފައިވަނީ ސަލާމް ބުނެގެން ފައިސާ އުނިނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ ނިންމުން ގަބޫލުނުކޮށް، ޓްރައިބިއުނަލްގެ އެ ނިންމުން އިސްތިއުނާފްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ