ފިހާރައަކުން ބޭސް ފުޅިއެއް ގެންދިޔަ ކަމަށް ބުނާ މީހާ ކުށްވެރި ނުވާ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި

ބޭސް ފިހާރައަކުން ބޭސް ފުޅިއެއް ނެގުމަށް ފަހު، އެއަށް ފައިސާ ނުދީ ގެންދިޔަ ކަމަށް ބުނެ ދައުލަތުން މީހެއްގެ މައްޗަށް އުފުލި ފޭރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ. ށ. މިލަންދޫ ސަންލައިޓް، އަލީ ޖަމީލްގެ މައްޗަށް ފޭރުމުގެ ދައުވާއެއް ދައުލަތުން އުފުލީ 2009 ގައި، އޭނާ އެ ރަށު ބޭސް ފިހާރައަކުން ބޭސް ފުޅިއެއް ނަގައިގެން ދާން ފެށުމުން، އެ ފުޅި ނުގެންދިއުމަށް އެތަނުގައި އިން ސޭޓަކު ބުނުމުން ވެސް އެ ފުޅި ހިފައިގެން ގޮސްފައިވާތީ އެވެ. އެ މައްސަލައިގައި ޖަމީލްގެ ފަރާތުން އެ ދައުވާ އަށް އިންކާރުކޮށް، ބުނީ، އެ ފުޅި ގެންދިޔައީ ފަހުން އަގު ދައްކާ ގޮތަށް ކަމަށާއި އެގޮތަށް ފަހުން ދޭ ގޮތަށް އެ ފިހާރަ އިން އޭނާއަށް ބޭސް ދޫކުރާ ކަމަށެވެ. ޖަމީލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިލަންދޫ ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ ޖަމީލްގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރުގެ ހެކި ނެތް ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ޖަމީލް ގެންދިޔަ ބޭސް ފުޅި އަށް އޭނާގެ ބައްޕަ ފަހުން ފައިސާ ދައްކާފައިވާ ކަމަށް، އެ ފިހާރައިގެ ސޭޓު ދަށު ކޯޓަށް ހެކިބަސް ދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ފުޅި ޖަމީލް ގެންދިޔައީ، އެ ފިހާރައިގެ ސޭޓުގެ ނުރުހުމުގައި ކަން ސާބިތުކޮށް ދިނުމަކީ ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ޖަމީލްގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައިވާ ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. ހޮޓަލަކުން ސައި ބުއިމަށް ފަހު ވަޅިން ބިރުދައްކައި، ފައިސާ ނުދީ ދިޔަ މީހެއްގެ މައްޗަށް ވެސް އެ ކުށް ސާބިތު ނުވާ ކަމަށް ވެސް ޖިނާއީ ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ