ނިޒާރުގެ ވާރިސުންގެ މައުލޫމާތު ހުށަހަޅަން ޖުވެނައިލް ކޯޓުން ދައުލަތަށް އަންގައިފި
މިދިޔަ އަހަރު ލ. ގަމުގައި މަރާލި އެރަށު ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލްގެ ވާރިސުންގެ މައުލޫމާތު ޝަރީއަތަށް ހުށަހަޅަން ޖުވެނައިލް ކޯޓުން ދައުލަތަށް މިއަދު އަންގައިފި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގްރޫޕަކުން ހަމަލާދީ ނިޒާރު މަރާލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ ކުޑަކުއްޖާގެ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއްގައި ނިޒާރުގެ ވާރިސުންގެ މައުލޫމާތު ޝަރީއަތަށް ހުށަހަޅަން އަންގާފައިވާ އިރު ދެން އޮންނަ އަޑުއެހުން މި މަހުގެ 19 ވަނަ ދުވަހު އޮންނާނެ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ. އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ ލިބޭ ކުޑަކުއްޖާގެ ފަރާތުން އެކަމަށް އިތުރު ފުރުސަތަކަށް އެދުމުން އެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނިޒާރު ބެލި ޑޮކްޓަރާއި ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި މީހާ ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން އެދިފައިވާ އިރު އެކަމަށް ދައުލަތުން ދެކޮޅު ހަދާފައި ނުވާތީ އެ ފަރާތްތައް ޝަރީއަތަށް ހާޒިރުކުރަން މިއަދު ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނިޒާރު މަރާލި މައްސަލައިގައި ދައުލަތުން ވަނީ އިތުރު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުވާ އުފުލައިފަ އެވެ. އެއީ ލ. ގަން މުކުރިމަގު، ދުނިފަރު އަހުމަދު ޝުޖާއު އާއި އެ އަވަށު ލައިޓްރޫމް، އަހުމަދު ސަބާހާއި ގަމު އަސްރަފީގޭ ހުސައިން ސާބިރުގެ މައްޗަށެވެ. އެ ތިން މީހުން ވެސް އެ ދައުވާ އަށް އިންކާރު ކުރެ އެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާއިރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހަކާއި އެ ކަމުގައި ބައިވެރިވި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ