މިދިޔަ އަހަރު ވެސް ހާޒިރީގެ ފުލަށް މީދޫ މެމްބަރު ސިޔާމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު އެންމެ މަދު ޖަލްސާތަކަށް ވަޑައިގެންނެވި މެމްބަރަކަށް މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވެވަޑައިގެންފި އެވެ.
ސިޔާމަކީ ކޮންމެ ދައުރެއްގައި ވެސް އެންމެ މަދުން މަޖިލީހަށް
ވަޑައިގަންނަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މަޖިލީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތިން ދައުރުގެ ހާޒިރީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު ބޭއްވި 90 ޖަލްސާގެ ތެރެއިން މަޝްހޫރު ވިޔަފާރިވެރިޔާ ވަޑައިގެންފައިވަނީ 44 ޖަލްސާ އަށެވެ. މިދިޔަ އަހަރު 34 ދުވަހު ސިޔާމް މަޖިލީހުން ޗުއްޓީ ނަންގަވާފައިވާއިރު، ވަކި އެއްޗެއް ނާންގަވައި 11 ދުވަހު ވަޑައެއް ނުގަންނަވަ އެވެ. އަދި ސަލާމް ވިދާޅުވުމަށް ފަހު ވަޑައިނުގަންނަވަނީ އެންމެ ދުވަހެއްގަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވި 24 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގެންނެވީ 17 ޖަލްސާ އަށެވެ. ދެ ވަނަ ދައުރުގައި ބޭއްވި 34 ޖަލްސާގެ ތެރެއިން 17 ޖަލްސާ އަށް އޭނާ ވަޑައިގެންނެވިއިރު، ތިން ވަނަ ދައުރުގައި ބޭއްވި 32 ޖަލްސާގެ ތެރެއިން ވަޑައިގެންނެވީ 11 ޖަލްސާއަށެވެ.
މަޖިލީހުގެ 77 މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު ހުރިހާ ޖަލްސާތަކަށް ވަޑައިގެންނެވީ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ