އެމްޑީޕީގެ މެމްބަރުންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތަކަށް ހުރަސް އަޅާނެ ބައެއް ނޫން: ޑރ. ޝަހީދު

އެމްޑީޕީގެ މެމްބަރުންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތަކަށް ހުރަސް އަޅާނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްމަން އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ބައެއް ރަށްރަށުގައި ކެމްޕޭން ކުރަމުންދަނިކޮށް އިއްޔެ އާއި ރޭ ޑީއާރުޕީގެ ޓީމުތަކަށް ކުރިމަތިވި ހުރަސްތަކަށް އިޝާރާތް ކުރައްވައި ޑރ. ޝަހީދު ވިދާޅުވީ އެއީ "އެމްޑީޕީގެ މެމްބަރުންގެ ކަމެއް ނޫން" ކަމަށެވެ.
ޑީއާރުޕީން ތ. ތިމަރަފުށީގައި ރޭ ބޭއްވި ޖަލްސާއިން ކަރަންޓު ކަނޑާލާފައިވާއިރު، އިއްޔެ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމު ގދ. ކާޑެއްދު އަށް ވަޑައިގަތުމުން ވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގައިފަ އެވެ.
ޑީއާރުޕީން ބުނަނީ އެ ޕާޓީގެ ކެމްޕޭން ޓީމުތަކަށް ހުރަސް އެޅުމާއި ޖަލްސާތަކުގައި ކަރަންޓް ކަނޑާލުމާއި ކެންޑިޑޭޓުންގެ ކެމްޕެއިން އޮފީސްތަކަށް ގެއްލުން ދެނީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ އެ ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ކުށްވެރި ކުރައްވާ ކަމަށާއި ޑީއާރުޕީން ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ކުރިން އެ ހަމަނުޖެހުންތަކަކީ އެ ޕާޓީތެރޭގައި އުފެދިފައިވާ ދެކޮޅުވެރިކަމުން ހިނގި ކަމެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޓީވީން ލައިވްކޮށް ފެނިފައިވޭ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުން މާރާމާރީ ހިންގި ތަން. ޕާޓީގެ ލީޑަރު ކުރިމަތީގައި ހުރި މޭޒު ފުނޑުފުނޑުކޮށްލި. އެހެންވީމަ ފުރަތަމަ މައްސަލަ ޖެހޭނީ އެ ބޭފުޅުންގެ ތެރެއިން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ދުވަސްވަރު ވެރިކަން ބަދަލުކުރާ ވާހަކަ އާއި ދީނުގެ ވާހަކަތައް ދައްކަނީ މައުލޫ ބަދަލުކޮށްލުމުގެ ގޮތުން ކަމަށެވެ.
ޑރ. ޝަހީދު އަދި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާނެ މީހުންގެ އަދަދު މަދުވާނެ ކަމަށާއި އެހެންވުމުން ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލާން ނެރުމަށްޓަކައި ވަރަށް ބޮޑަށް އެ ޕާޓީން މަސައްކަތްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ