ގާނޫނު އޮތަސް ގާނޫނު ނެތަސް، ޕްރޮވިންސްތައް ހިންގޭނެ: ރައީސް ނަޝީދު

ގާނޫނެއް އޮތަސް ނުވަތަ ގާނޫނެއް ނެތަސް ސަރުކާރުން މިހާރު އަމަލުކުރަމުން ދާގޮތަށް ޕްރޮވިންސުތައް ހިންގޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރަމުން ގެންދާ ތަފާތު މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ބިލާއި ޕްރޮވިންސް ހިންގުމާ ގުޅޭ ގޮތުން ވަރަށް ބޮޑު އޮޅުންތަކެއް އަރާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާއިރު ޕްރޮވިންސްތައް ނުހެދުމަށް، ލާމަރުކަޒީ ބިލް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފަ އެވެ.
ރައީސް ވިދާޅުވީ ޕްރޮވިންސްތައް ހިންގުމަކީ ލާމަރުކަޒީ ބިލާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި ރާއްޖެ އިދާރީ ގޮތުން ހަތް ސަރަހައްދަކަށް ބަހާލައިގެން ޕްރޮވިންސުތައް ހިންގަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ކަމަށެވެ.
"އެ ބާރު ތަންފީޒުކުރުމުގެ ގޮތުން ހޯމް އެފެއާޒުގެ މަސައްކަތް ހަތް ސަރަހައްދަކަށް ބަހާލައިގެން އެ ހަތް ސަރަހައްދުގައި (އެކަން) ކުރަމުން މި ގެންދަނީ. އަދި އެހެން ވުޒާރާތަކުގެ މަސައްކަތް ވެސް ހަތް ސަރަހައްދަކަށް ބަހާލައިގެން ހަތް ސަރަހައްދެއްގައި ކުރަމުން ގެންދަނީ ސީދާ މައި ސަރުކާރުން ކުރާ މަސައްކަތް،" ރައީސް ވިދާޅުވި އެވެ. "އެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ބިލު އަޔަސް ބިލު ނަޔަސް. ގާނޫނު އޮތަސް ގާނޫނު ނެތަސް،"
ރައީސް ވިދާޅުވީ ސަރުކާރުން ޕްރޮވިންސްތައް ހިންގަމުން ގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ. އަދި ޕްރޮވިންސުގެ ސްޓޭޓް މިނިސްޓަރަކީ ކައުންސިލްތަކުގެ ރުހުމާ އެކުގައި އައްޔަށް ކުރާ ބޭފުޅަކަށް ހެދުމަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމެވެވުމުގެ ފުރުސަތު އޮތްކަމާއި އެ ފުރުސަތުގެ ބޭނުން ނުހިއްޕެވީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ނުލިބޭ ނަމަ ސަރުކާރު ހިންގުމަށް ދަތިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ރާވާފައިވާ ގިނަ މަސައްކަތްތައް ކުރެވޭ ވަރަށް ގާނޫނުތައް މިހާރު ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ވެސް އެބަހުރި ގާނޫނު އެކަށީގެންވާ މިންވަރަކަށް. ގެއެއް އެޅުން މަނާ ގާނޫނެއް ނެތެއްނުންތޯ. ނަރުދަމާއެއް އެޅުން މަނާކުރާ ގާނޫނެއް ވެސް ނެތް. މިހާރު މި އޮތް ގާނޫނީ އޮނިގަނޑުން ވަރަށް ބޮޑު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވޭނެ،" ރައީސް ވިދާޅުވީ އެވެ. "މަޖިލިސް މެންބަރުން އަޅުގަނޑުމެންނަށް އެއްބާރުލުން ނުދެއްވާ ކަމަށްވަނީ ވިއްޔާ މި އަޅާ ނަރުދަމާތައް އެޅުން ދަތިވާނެ. އެއީ މި ސަރުކާރަށް ދެވޭ ގެއްލުމެއް ނޫން، ރައްޔިތުންނަށް ދެވޭ ގެއްލުމެއް."
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން ރާވާފައިވާ ގެދޮރު އެޅުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ