ޑީއާރުޕީގެ ލީޑަރަކަށް އަދި ރިޔާސީ ކެންޑިޑޭޓަކަށް ވެސް ތަސްމީން

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވާނެ ގޮތާމެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް ނަމަވެސް، ޑީއާރުޕީގެ ރިޔާސީގެ ކެންޑިޑޭޓަކީ މިހާރު ވެސް އޮންނަ ގޮތަށް އެ ޕާޓީގެ ލީޑަރުކަމަށް އިއްޔެ ފާސްކޮށްފި އެވެ. މިހާރު ކުރިއަށްދާ ޑީއާރުޕީގެ ތިން ވަނަ ކޮންގްރެސްގައި މި އިސްލާހު ފާސްވުމުން އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން ވާދަކުރައްވާނީ، ވާދަކުރުމެއް ނެތި ޕާޓީގެ އާ ލީޑަރުކަން ލިބިވަޑައިގެންފައިވާ މިހާރުގެ ނައިބު ޒައީމް އަހްމަދު ތަސްމީން އަލީ އެވެ.
ފަސޭހަކަމާއެކު ފާސްވި އެ ހުށަހެޅުމަށް 882 މެމްބަރުންގެ ތެރެއިން 841 މެމްބަރުންގެ ތާއިދުންނެވެ. ކައުންސިލްގެ އެ ހުށަހެޅުން ފާސްކުރުމަށް ވޯޓު ނުދެއްވީ 21 މެމްބަރެކެވެ.
ޑީއާރުޕީގެ ލީޑަރަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ހަމަޖެއްސުމަށް ކެމްޕޭން ކުރެއްވީ ތަސްމީނަށް ތާއިދުކުރައްވާ ބޭފުޅުންނެވެ. ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށް ފާސްވުމުން، ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ވާނީ ފަހުން ބާއްވާ ޕްރައިމަރީއަކުން ކަމަށް ޑީއާރުޕީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި އައިޑިޕީގެ ކުރީގެ ރައީސް އުމަރު ނަސީރު ހުށަހަޅުއްވި އިސްލާހަށް ވޯޓެއް ނުނަގަ އެވެ.
ތަސްމީނުގެ ބައެއް ސަޕޯޓަރުން ކުރިން ބުނެފައިވަނީ ފަހުން ބާއްވާ ޕްރައިމަރީއަކުން ރިޔާސީ ކެންޑީޑޭޓް ހޮވައިފި ނަމަ ޕާޓީ އަށް އަންނާނެ ލޮޅުން ބޮޑުވެގެންދާނެ ކަމަށެވެ. ނަމަވެސް އުމަރު ނަސީރުގެ ހުށަހެޅުމަށް ތާއިދުކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކް ގޮތަކަށް ވާނީ ރިޔާސީ ކެންޑިޑޭޓް ޕްރައިމަރީއަކުން ހޮވުން ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ޒައީމުކަމުގައި ހުންނެވިއިރު، ޒައީމަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ހަމަޖައްސާފައި އޮތަސް، މިހާރުގެ ހާލަތު ތަފާތު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ޑީއާރުޕީގެ އަސާސީ ގަވާއިދަށް 60 އަށް ވުރެ ގިނަ އިސްލާހު ހުށަހެޅިއިރު، ފާސްވި އިސްލާހުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް އިސްލާހަކީ ޑީއާރުޕީގެ ޒައީމްގެ ލަގަބު، މިހާތަނަށް އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވުމަށް ފާސްކުރި އިސްލާހެވެ. ކައުންސިލްގެ އެ ހުށަހެޅުމަށް އިއުތިރާޒުކުރާނެ މެމްބަރެއް ނެތި އިއްތިފާގުން ފާސްވުމާ އެކު، މައުމޫނަށް އޮހިގެން ދިޔަ ތަރުހީބުން، އެ މަނިކުފާނުގެ ލޯފުޅުން ކަރުނަ ހިލިގެންދިޔަ މަންޒަރު ފެނުނެވެ.
ޒައީމުގެ ލަގަބު މައުމޫނަށް ދެއްވުމާ އެކު، ޑީއާރުޕީ ހިންގުމަށް އެންމެ އިސްކޮށް ހުންނަވާނީ ޕާޓީގެ ލީޑަރެވެ.
ޑީއާރުޕީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ފާސްވި ގިނަ އިސްލާހުތަކަކީ ކައުންސިލުން ފާސްވި އިސްލާހުތަކެވެ. އަދި އާންމު މެމްބަރުން ހުށަހަޅާފައިވާ ގިނަ އިސްލާހުތައް ފާސްކުރަން ނުފެންނަ ކަމަށް އިސްލާހުތައް ހިމެނޭ ކަރުދާހުގައި، ކައުންސިލުން ބުނެފައިވާތީ ޕާޓީގެ ބައެއް މެމްބަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ.
ނޫހުގައި ނަން ހާމަކުރަން ބޭނުންނުވާ ޑީއާރުޕީގެ ކޮންގްރެސްގައި ބައިވެރިވާ މަންދޫބަކު ބުނީ އިސްލާހުތައް ހިމެނޭ ކަރުދާހުގައި އާންމު މެމްބަރުން ހުށަހެޅި ކޮންމެ އިސްލާހެއްގެ ތިރީގައި ކައުންސިލަށް ފެންނަ ގޮތް ލިޔެފައި އޮތުމަކީ މެމްބަރުންގެ ހައްގު ގެއްލުވާލަން ކުރި ކަމެއް ކަމަށެވެ.
"އެކަން އެގޮތަށް ކޮށްފައި އޮތުމުން، މެމްބަރުން އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ނުފެނޭ،" ކޮންގްރެސް އިއްޔެގެ ދަންފަޅިތައް ނިމުމަށް ފަހު އެ މަންދޫބު ބުންޏެވެ.
ޑީއާރުޕީ ކޮންގްރެސްގައި މިއަދު އޮންނާނީ ގޮފިތަކުގެ ބައްދަލުވުންތަކާއި އިންތިހާބުކުރާ މަގާމުތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުމެވެ. ކޮންގްރެސް މިރޭ ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ