ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އަމިއްލަ ދަތުރުފުޅެއްގައި މިއަދު އިންޑިޔާ އަށް ފުރާވަޑައިގެންފި އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ވިދާޅުވި ގޮތުގައި ރައީސް މައުމޫން އިންޑިޔާ އަށް މިއަދު މެންދުރު ފުރާވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާލާސްކަންފުޅެއްގައި އުޅުއްވާތީ އެވެ.
"މިއަދު ހެނދުނު ވޯޓުލައްވާފައި ވަޑައިގެންނެވީ. ބައްޕަ އިންޑިޔާ އަށް ވަޑައިގަތުމުން ތަފާތު ގޮތްގޮތަށް މާލެ ތެރޭގައި އެބަ އަޑު ފެތުރޭ. ނަމަވެސް ބައްޕަ އިންޑިޔާ އަށް ވަޑައިގެންނެވީ މަންމަ ބަލިވެ އުޅުއްވާތީ. ކުރިން ވެސް ހަމަޖެހިފައި އޮތީ މިއަދު ވޯޓުލައްވާފައި އިންޑިޔާ އަށް ބައްޕަ ވަޑައިގަންނަވާ ގޮތަށް،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިޔާ އަށް ކުރައްވާ އަމިއްލަ ދަތުރުފުޅަށް ފަހު 4- 5 ދުވަހުގެ ތެރޭގައި ރައީސް މައުމޫން އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މައުމޫން ވަނީ އަނބިކަނބަލުން އާލާސްކަންފުޅާ އުޅުއްވާތީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އިންޑިޔާ އަށް ވަޑައިގެންފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޑީއާރުޕީގެ ކެމްޕޭން ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ، މި ފަހަރު ވެސް އެނބުރި މާލެ ވަޑައިގަތީ ކުރިމަތީގައި އިންތިޚާބު އޮތުމާ އެކު ވޯޓުލާ ދުވަހު މާލޭގައި ހުންނެވުމަށް އަމިއްލަ ޒަމީރު އެ ގޮތަށް މަޖުބޫރުކުރާތީ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަމިއްލަ ދަތުރުފުޅެއްގައި އިންޑިޔާ އަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ