ސަރުކާރުން މިހާރު ކުރަމުންދަނީ މީހުންނަށް ބިރު ދެއްކުމުގެ މަސައްކަތްތަކެއް: ޔާމީން

ސަރުކާރުން މިހާރު ކުރަމުންދަނީ މީހުންނަށް ބިރު ދެއްކުމުގެ މަސައްކަތްތަކެއް ކަމަށާއި އެއިން އެނގެނީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނ. މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މ. މެމްބަރު އަދި ޕީއޭގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ އޮފީހަށް ފުލުން ވަދެ ފާސްކުރިތާ 24 ގަޑިއިރު ނުވަނީސް އޭނާ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގާނޫނުގެ ވެރިކަން ހިންގުމަށްޓަކައި ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
"ވަރަށް ފިނޑި ކަންތައްތަކެއް މި ކުރަނީ. މިއީ ހަމަ ޓެރަރައިޒް ކުރުން. ބިރު ދެއްކުމަށް ކުރާ މަސައްކަތް މިއީ. މީގެ ދެ ތިން ރޭ ކުރިން އެމްޑީޕީގެ ޖަލްސާއެއްގައި ]ރައީސް ނަޝީދު[ އޮތީ މި ވާހަކަ ވިދާޅުވެފައި. އެހެން ނަމަވެސް އަޅުގަނޑު ހިތަކަށް ނާރާ އެ މަނިކުފާނު އެހެން ވިދާޅުވި ކަމުގައި ވިޔަސް މި ފެންވަރަށް އެ ވާހަކަތައް ގެންދާނެ ކަމަކަށް،" މިދިޔަ އާންމު އިންތިހާބުގައި މ. ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނާޒިމްގެ އޮފީހަށް ފުލުހުން ވަދެ ފާސްކޮށް ބައެއް ތަކެތި ގެންދިޔަ މައްސަލާގައި ޔާމީން ރޭ ވިދާޅުވި އެވެ.
ރަސްމީ ފާލަން ކުރިމަތީގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ނާޒިމްގެ އޮފީހަށް ފުލުހުން ވަދެ އެ އޮފީހުގައި ހުރި ބައެއް ސާމާނުތައް ގެންދެވޭނެ ކަމަކަށް ވެސް ގަބޫލު ނުކުރެއްވޭ ކަމަށާއި އެކަން ފުލުހުން ކޮށްފައި ވަނީ ކޯޓު އަމުރާ ހިލާފަށް ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި ފުލުހުން ވަނީ ނާޒިމްގެ އޮފީސް، ނަމިރާ އިންޖިނިއަރިން އަށް ވަދެ ނާޒިމްގެ ޒާތީ މިނިވަން ކަމަށް އަރައިގެންފަ އެވެ.
"ފުލުހުން ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެތަނަށް ވަނީ. ވަދެފައި އެތަނުގައި ހުރި ސީޕީޔޫއަކާއި ދެ ހާޑް ޑްރައިވް ފުލުހުން މި ގެންދިޔައީ. އެއްގޮތަކަށް ވެސް ނޯންނާނެ ފުލުހުންނަށް ދީފައިވާ ވޮރަންޓީގައި ތަކެތި ގެންދެވޭނެ ކަމަކަށް. ފުލުހުންނަށް ]ވޮރަންޓްގައި[ އަށް ގަޑިއިރު ދިނީ އެ އޮފީހުގައި ތިބެގެން ބަލައި ފާސްކުރުމަށް. އެހެންވީމަ ފުލުހުން އެ ކުރެއްވީ ކުރައްވައިގެން ވާނެ ކަމެއް ނޫން،" މިދިޔަ އާންމު އިންތިހާބުގައި މ. މުލަކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ފުލުހުންނާއި މިނިވަން މުއައްސަސާތަކުން ހިންގާ ތަހުގީގުތަކާއި ކަންތައްތަކަކީ ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ހިންގާ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މާކުރިއްސުރެ އޮޑިޓާ ޖެނެރަލް ބައްލަވާފައިވާ މައްސަލަތަކަކާ ގުޅިގެން ފުލުހުން ބައްލަވަމުން ދާ މައްސަލަތަކެއް ކަމަށާއި އިއްތިފާގަކުން އާ ރައްޔިތުންގެ މަޖިލީސް ހުވާ ކުރާ ދުވަސްވަރާ އެކަންތައްތައް ދިމާވީ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޔާމީން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އަކީ ވެސް މިނިވަން މުއައްސަސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކުރިއަށް އޮތް އާ މަޖިލީހުގައި އެ މުއައްސަސާ މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނާޒިމްގެ ހަގު އަނބިކަނބަލުން ޒީނަތު އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން އަމަލު ކޮށްފައިވާ ގޮތަށް ވެސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ބޮޑު ކަމެއްގައި ތުހުމަތު ވެސް ނުކުރެވޭ އަންހެނަކު ފުރަގަހަށް ބިޑި އަޅުވާފައި ހުންނަން ޖެހެނީ ގައުމީ ސަލާމަތަށް ކިހާ ނުރައްކާވާތީތޯ ސުވާލު އުފެދޭ ކަމަށެވެ.
"ފުލުހުން މީހުން ހައްޔަރުކުރަން ދާއިރު ވެސް ބަލަންވާނެ ކަން ނޭނގެ މީހުންނަށް ގަބޫލުކުރެވޭ ގަޑިތަކުގައި ވަންނަން. ]ދަންވަރު[ 30: 1 ގައި 00: 2 ގައި ނޫންކަން ނޭނގެ ފުލުހުން ]ގޭގެއަށް[ ވަންނަން ވީކީ. އެކަން ކުރެއްވުނީސް އޭގެ އަނެއް ދުވަހު ވެސް ނޫނީ އެ ރޭގެ އިރާކޮޅު ވެސް. އެހެންވީމަ މި ހުންނަނީ ބިރު ދެއްކުމަށް ކުރާ ވަރަށް ލާއިންސާނީ އަމަލުތަކެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔާނާތުގެ މައްސަތަކާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި އެކަމަކު ރައީސް ނަޝީދު ވިދާޅުވާ ގޮތަށް "ކުޑަ ހިނދުކޮޅަކަށް" މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް ބަލާއިރު، ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ކުރައްވާފައިވާ އެފަދަ ކަންތައްތައް ވެސް ބަލަންވާނެ ކަމަށެވެ.
"ރާއްޖޭގައި މަޝްހޫރު މައްސަލައެއް އެފްޕީއައިޑީ މައްސަލަ ވެސް އެއީ. ކޮންމެވެސް ތާރީހަކުން ފަށާ ކަމަށް ވަންޏާ އެކަން ވެސް ފަށަންވީ ނޫންތޯ؟ އަނެއްކާ އަޅުގަނޑުމެންނަށް އެބަ އިނގޭ އެންޓި ކޮރަޕްޝަން ބޯޑަށް އޮޑިޓަ ޖެނެރަލްގެ މައްސަލަ ވެސް ވަދެފައި އޮތްކަން. މި ކޮމިޝަން ]ރިޔާސީ ކޮމިޝަން[ ހަދައިގެން މިކަންކަން ނޫންތޯ ފުރަތަމަ ބަލަންވީ. ގާނޫނު އަސާސީން މިފަދަ ކަންކަން ބެލުން ހަވާލުކޮށްފައި މި އޮތީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮޑިޓަ ޖެނެރަލާ. އޮޑިޓަ ޖެނެރަލާ ބެހޭ ގޮތުން މިފަދަ މައްސަލައެއް އައީމަ، އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ވެސް ކުރަން ޖެހޭނީ އެ މަސައްކަތް. އޮޑިޓަ ޖެނެރަލްގެ މައްސަލައެއް އޮތް ނުވަތަ ނެތްތޯ ސަރުކާރުން އެބަ ޖެހޭ އަޅުގަނޑުމެންނަށް ސާފުކޮށްދޭން. އެ މައްސަލަ ޝަރީއަތަށް ގޮސް ނިމިގެން ކަންނޭނގެ އެހެން ކަންތައް ކުރަންވީ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި ކުށްވެރިންނަށް އަދަބު ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ނޫން ގޮތަކަށް ކަންކަން ކުރަން އުޅުމަކީ ގޯހެއް ކަމަށެވެ.
"އެ ނޫން ގޮތަކަށް ކަންކަން ކުރަނީ ސިޔާސީ ގޮތުން ބިރު ދައްކަން. ސިޔާސީ ގޮތުން އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން. އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ އަޑު ފަނޑެއް ނުވާނެހެން،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ