ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ހެންވޭރު ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ބޭރުކޮށްލައިފި އެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއި ކުރައްވައި އިދާރީ ގޮތުން އެ މައްސަލަ އެ ކޯޓަށް ބަލައި ގަންނަން ނުފެންނަކަން ބަޔާން ކުރައްވައި ޒާހިރު ހުސައިނަށް ހޯމަ ދުވަހުގެ ތާރީހުގައި ފޮނުއްވި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތު"ގައި ބުނެފައި ވަނީ އެ މައްސަލައަކީ ހައި ކޯޓުގެ "އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާ ކުރުވަނިވި ހުކުމެއް ކޮށްފައިވާ މައްސަލައަކަށްވެފައި" އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރި ސަބަބުތަކަށް ބަލާ އިރު "ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް" ކަމަށެވެ. އަދި ބުނީ ހައި ކޯޓުގެ ހުކުމަކީ "ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށް ވާތީ އާއި ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް" ކަމަށެވެ. ސުޕްރީމް ކޯޓުގެ ލިޔުމުގައި ބުނީ އެ މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ ގޮތަށް ނިންމާފައިވާތީ ކަމަށެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް އޮތް ކަމަށް ބުނެ ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީ ހިންގުމަށް ހަތަރު ބޭފުޅުންގެ މެދުގައި އެއްބަސްވުމެއް ހަދައި އަމަލު ކުރަން ފެށި ހިސާބުން މިއަދާ ހަމަ އަށް ވެސް ފައުންޑާ މެންބަރުންގެ ހިއްސާ އޮންނާނެ ކަމަށެވެ. ހައި ކޯޓުން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ހަތަރު ވަނަ ހިއްސާދާރަކީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމު އެވެ. ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެންދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ބަދަލުކޮށްގެން މިހާރު ހިންގަމުން ދިޔަ ނަމަވެސް އެހުރިހާ ބައެއްގެ ހިއްސާ ވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. ހައި ކޯޓުގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 4 ވަނަ ދުވަހު ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމާފައި ވަނީ ހަ މަސް ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހު އެވެ. ހުސްވި މާރިޗު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ގ. ކޮއްކިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގެ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި އެ ދުވަހުގެ ފަހުން ހަވީރު ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހަވީރު އޮންލައިން ވެސް ނެރުން ވަނީ ހުއްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ