އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލަންޖެހޭ: މެމްބަރު ނިހާދު

އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.
ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ ތިމާވެށި ފެންނަނީ އައްޑޫގެ ބިން ހިއްކަންވީމަ ތޯ ސުވާލުކުރައްވާފައެވެ. އަދި ބިން ހިއްކައިފިނަމަ އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވެދާނެ ކަމަށް ބުނާ ފަރާތްތަކަށް ޢިޝާރާތް ކުރައްވާ ނިހާދު ވަނީ އެހެން ސަރަހައްދުތަކުގެ ބިންތައް ހިއްކާ ނިމޭއިރު ބަސް ނުބުނަނީ އޭގެއިން ކޮން މަންފާއެއް ލިބޭތީތޯ ސުވާލުކުރައްވާފައެވެ. އެ ޓްވީޓުގައި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް ނިހާދު ވަނީ ގޮވާލައްވާފައެވެ.
އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ، ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 7 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައި ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި ނިހާދު ވިދާޅުވީ އައްޑޫ ތަރައްގީކޮށް އިގުތިސާދީ ގޮތުން އެޅިފައިވާ މަރުތަޅަށް ހައްލެއް ހޯދައިދޭން އުޅުމުން އެކަންކަން ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ.
އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޑިއާގެ އެހީގައެވެ.
މި މަޝްރޫއާ ގުޅޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު، ވޯޓަރ ސޮލިއުޝަންސް އިން ނިންމައި ރިޕޯޓު މިހާރު ވަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅާފައެވެ.
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ