ޔާމީން ހައްޔަރުކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅު ދޮރަށް ސްޕްރޭ ކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީސް ދޮރަށް ސްޕްރޭ ކޮށްފިއެވެ.
ޕީޕީއެމްގެ އޮފީހުގެ ދޮރުމައްޗަށް، ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ފޮޓޯ ހިމެނޭ ކުރެހުމަކާއެކު ސްޕްރޭ ކޮށްފައި ވާއިރު، އެ ކުރެހުން ޔާމީންގެ ގެކޮޅުގެ މައި ދޮރާއި ގަރާޖުގެ ގޭޓުގައި ވެސް ވަނީ ސްޕްރޭ ކޮށްފައެވެ.
މީގެ އިތުރުން ޕީޕީއެމް އޮފީހާއި ރައީސް ޔާމީންގެ ގެކޮޅު ކުރިމައްޗަށް، އެމަނިކުފާނުގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރާކަން ދޭހަވާ އިބާރާތްތައް ލިޔެ އަދި އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލައި ވަނީ ކަރުދާސްތަކެއް ވެސް އަޅާފައެވެ.
ސްޕްރޭ ކޮށް ކަރުދާސް އަޅާފައި ވާއިރު ރައީސް ޔާމީން އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ހިންގާ ހަރަކާތް، އިންޑިއާ އައުޓު ލިޔެފައިވާ ކަރުދާސްތައް ދާދިފަހުން ވަނީ ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ކުރިމައްޗަށް އަޅާފައެވެ.
"އިންޑިއާ އައުޓް" ހަރަކާތް ފުޅާކޮށް އއ ޝިއާރުގެ ބެނާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ އިތުރުން ޕީޕީއެމް އޮފީހާއި މާލޭގެ ބައެއް ގޭގޭގައި މިފަހުން ދެމިއެވެ. އެހެންނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން އެ ގެތަކަށް ވަދެ ބެނާތައް ނަގާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.
އެ ގަރާރަށްފަހުވެސް "އިންޑިއާ އައުޓް" ގެ އަކުރުތައް ބަދަލުކޮށް އިދިކޮޅުން ވަނީ ބެނާ ދަމާފައެވެ. އެ ބެނާތައްވެސް ފުލުހުން ނެގީއެވެ.
މި މަހުގެ 3 ވަނަ ދުވަހު "މޯލްޑިވްސް ޔޫތް ފޯސް" ނަމުގައި ބަޔަކު ވަނީ އިންޑިއާ އައުޓު ހަރަކާތް ހިންގުމާ ދެކޮޅަށްވެސް ނިކުމެފައެވެ. އެ މީހުން ވަނީ ޔާމީން އަލުން އަނބުރާ ޖަލަށް ގެންދިއުމަށް ގޮވާލައި ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ