ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަވަނަ ފަރަށް މެސީ ހޯދައިފި

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަވަނަ ފަހަރަށް ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފި އެވެ.
އިޓަލީގެ މިލާނުގައި ކުރިއަށްދިޔަ މި ހަފުލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު އިއުލާނުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. މެސީ މި މަގާމު ހަވަނަ ފަހަރަށް ހޯދިއިރު، އޭނާއާ އެންމެ ވާދަވެރި ރޮނާލްޑޯއަށް މި އެވޯޑު ހާސިލުކުރެވިފައިވަނީ ފަސް ފަހަރު އެވެ.
މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހާސިލުކުރީ ރޮނާލްޑޯގެ އިތުރުން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއާ ވާދަކޮށްގެންނެވެ. މިދިޔަ ސީޒަނުގައި މެސީ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި މެސީ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށްފައެވެ. އަދި 22 އެސިސްޓު ވަނީ ހަދާފައެވެ.
އެވޯޑަށް ދެން ވާދަކުރި ރޮނާލްޑޯ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ހޯދިއިރު އޭނާ ވަނީ 43 މެޗުގައި 28 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ. ދެން އެވޯޑަށް ވާދަކުރި ވެން ޑައިކް ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލްއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާއަކީ މިދިޔަ އަހަރުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ އެމެރިކާ އާއެކު ވޯލްޑް ކަޕް މިފަހަރު ކާމިޔާބުކުރި މެގަން ރެޕީނޯ އެވެ. އޭނާއާ ދެން ވާދަކޮށްފައިވަނީ އެމެރިކާގެ އެލެކްސް މޯގަންގެ އިތުރުން އިންގްލޭންޑުގެ ލޫސީ ބްރޯންޒް އެވެ.
މިފަހަރުގެ އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ، ކިލިއަން އެމްބާޕޭ، އެޑެން ހަޒާޑް، ފްރެންކީ ޑި ޔޮން، ލޫކާ މޮޑްރިޗް، މާސެލޯ، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، މަތެއުސް ޑި ލީޓް އަދި އެލިސަން ބެކާ އެވެ.
އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ހާސިލުކުރީ ހަންގޭރީގެ ކުޅުންތެރިޔާ ޑެނިއަލް ޒޫރީ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ހޯދީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއެވެ. އޭނާ އެެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓީނޯއާ ވާދަކޮށްގެންނެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އެމެރިކާ ގައުމީ އަންހެން ޓީމުގެ ކޯޗު ޖިލް އެލިސް އެވެ.
މިއަހަރު އަލަށް ތައާރަފުކުރި އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމު ހޯދީ ނެދަލެންޑްސްގެ ގޯލްކީޕަރު ސަރީ ވޭން ވީނެންޑާލްއެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ހޯދީ ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ