ޖޭޕީގެ ލީޑަރު ގާސިމް ސިވިލް ސާވަންޓުންނަށް ދެއްވި އިންޒާރު ރިޕޯޓުކުރުމުން ސީއެންއެމްގެ މައްސަލަ މީޑިއާ ކައުންސިލަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިވިލް ސާވަންޓުންނާ ގުޅޭ ގޮތުން ރޭ ދެއްކެވި ވާހަކަތައް ސީއެންއެމްއިން ރިޕޯޓު ކުރި މައްސަލަ އެ ޕާޓީން މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.
އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެދި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ އަށް ސިޓީއެއް މިއަދު ފޮނުވާފަ އެވެ.
"... ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގެ ހަބަރު ގެނެސްދިނުމުގައި އޮންލައިން ނޫސް ސީއެންއެމްގެ ފަރާތުން ވާނީ އެމަނިކުފާނު ވިދާޅުނުވާ ވާހަކަތަކެއް ވިދާޅުވި ކަމަށް ބުނެ ނޫހުގައި ޝާއިއުކޮށްފަ އެވެ. އަދި މި ހަބަރާއި ގުޅިގެން ޕާޓީން މިކަން އިސްލާހު ކޮށްދިނުމަށް އެދި ޖޭޕީ މީޑިއާ ވައިބަ ގްރޫޕުގައި ދެންނެވުމުން ވެސް މިކަން އިސްލާހުކޮށްފައި ނުވާތީ މިކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން މި މައްސަލަ ބައްލަވާ، އެޅެން ހުރި ފަޔަވަޅެއް އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" އެ ސިޓީގައި ވެއެވެ.
ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅުމަށް ރޭ ބޭއްވި ހަފްލާގައި ގާސިމް ވަނީ ސިވިލް ސާވަންޓުން ވަޒީފާއިން ވަކިކުރުމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފަ އެވެ.
އެގޮތުން ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާ މެދު އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ތައުރީފު ކުރައްވާ، ގާސިމް ވަނީ ސިވިލް ސާވަންޓުންނަށް އިންޒާރުދޭ މޭރުމަކުން ވާހަކަދައްކަވާފަ އެވެ.
""އެމީހުން [ސިވިލް ސާވަންޓުން] ނަކީ ކަނޑާނުލެވޭނެ ބައެއް ނޫނޭ އެއިކީ. ގާނޫނުތަކާ ގަވާއިދުތަކާ އިމުން ބޭރުވާކަމަށް ވަންޏާ އެމީހުން ބޭރުވެސް ކުރާނެ. ބޭރުކުރަން ވެސް ޖެހޭނެ. އެއީ ގަބޫލުކުރަން އޮތް ހަގީގަތަކީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެފަދަ ގޮތަކަށް ވާހަކަދެއްކެވި ޓްރާންސްޕޯޓް އޮތޯރިޓީގެ 40 އަށް މުވައްޒަފުންނަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރަން ލިސްޓު އެކުލަވާލުމަށް ފަހު ސިވިލް ސާވިސް ކޮމިޝަނުގެ ލަފައަކަށް އެދި ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
އެކަމާ ގުޅިގެން މުވައްޒަފުންތަކެއް ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީފުޅަކާއި ޕެޓިޝަނެއް ވެސް ފޮނުއްވާފަ އެވެ. އޭގައި ބުނެފައި ވަނީ ހާޒިރީގެ މައްސަލަ އުޅޭ ކަމަށް ބުނެ ކަނޑާލާނެ މުވައްޒަފުންގެ ލިސްޓެއް ނެގިއިރު، އެ މުވައްޒަފުންނަށް ނަސޭހަތް ވެސް ދީފައި ނުވާ ކަމަށެވެ.
މުވައްޒަފުން ކަނޑަން ޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ނަހުލާ ދެއްކެވި ވާހަކައެއްގެ އޯޑިއޯ ވެސް ވަނީ ލީކުވެފަ އެވެ. އެކަމަނާގެ ނިންމެވުމަށް ބައެއް ފަރާތްތަކުން ތަރުހީބު ދެމުން އަންނައިރު، ގަވާއިދުގެ ބޭރުން އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ