'ބޭން އެމް.ޑީ.އެން' ޤައުމީ ބޮޑު ކެމްޕެއިނަކަށް! ރައްޔިތުން ތިބީ ދޫކުރާ ގޮތަކަށް ނޫން!

އިއްޔެއާއި މިއަދު މުޅި މީސް މީޑިޔާގައި އެންމެ ގަދައަށް ފެތުރެމުންދާ އަޑަކީ 'ބޭން އެމް.ޑީ.އެން'އެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އިސްލާމް ދީނަށް ބަދުބަސް ރައްދުވާ ގޮތަށް މޯލްޑިވްސް ޑިމޮކްރަޓިކް ނެޓްވޯކް ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން ނެރުނު ރިޕޯޓަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޖަމުޢިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.
 
'ބޭން އެމް.ޑީ.އެން' ހޭޝްޓެގް ބޭނުންކޮށްގެން ކުރިއަށްގެންދާ ކެމްޕެއިން ޤައުމީ ބޮޑު ކެމްޕެއިނަކަށްވެފައިވާއިރު މި ހޭޝްޓެގް ބޭނުންކޮށްގެން މިހާތަނަށް 20،000 އާއި ގާތްކުރާ އަދަދަކަށް ޓުވީޓުވެސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެމް.ޑީ.އެންގެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް ލިޔެފައިވާތީ އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ ޖަމުޢިއްޔާއިންވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސް މަޢާފަށްއެދިފައެވެ.
 
އެހެންނަމަވެސް އާއްމުން ގޮވާލަމުން ގެންދަނީ އެ ޖަމުޢިއްޔާއިން ކުރިކަމަކީ މަޢާފަށް އެދިގެން ނިންމާލެވޭނެކަމެއް ނޫންކަމަށާއި އެކަން ކުރި މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ. އެމް.ޑީ.އެންއާއިމެދު ފިޔަވަޅު އަޅަން ގޮވާލާމުން ގެންދާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންނާއި ސިޔާސީ މީހުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ.
 
އިސްލާމްދީނަށް ފުރައްސާރަކޮށް އެމް.ޑީ.އެންއިން ކުރި ކަންތަކާއި ގުޅިގެން މަޝްހޫރު ދީނީ ޢިލްމުވެރިންވެސްވަނީ ރޭ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މިފަދަ ކަންތައްތަކާއިމެދު ދެން ކަންތައް ކުރާނެ ގޮތްތަކާއިމެދު ނިންމުންތަކެއް ނިންމާފައިވެއެވެ. އެގޮތުން ނިންމި ނިންމުންތައް ވަރަށް އަވަހަށް ޢިލްމުވެރިން ހާމަކުރާނެކަމަށް ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
 
މީގެ އިތުރުން މިއަދު މެންދުރުފަހު ދީނީ ޢިލްމުވެރިން މި މައްސަލައިގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއާއި ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެމް.ޑީ.އެންގެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީންވެސްވަނީ ފުލުހުންނަށް ސީޓީ ފޮނުއްވާފައެވެ.
 
ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ޤާނޫނީ ކުށެއްވެސްމެއެވެ. އެހެންކަމުން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކާއިމެދު ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ