ޖުލައި މަހުގެ ކަރަންޓު ބިލް ބޮޑުވި މައްސަލަ ބަލަމުންދާ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
ޖުލައިމަހުގެ ކަރަންޓު ބިލު، ކުރީ މަސްތަކާއި އަޅާބަލާއިރު ބަލާއިރު ވަރަށް ބޮޑަށް ބޮޑުވެފައިވާކަމަށް ބުނެ އެތައްބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ) ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކި ގޮތްގޮތުން އެއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ރަސްމީކޮށް މިމައްސަލަ އެއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިނަމަވެސް، މިމައްސަލަ އެއޮތޯރިޓީއިން ބަލަމުންދާކަމުގައި އިއުލާނުގައި ވެއެވެ.
ކަރަންޓް ބިލް ބޮޑުވެ، އާންމުން ޝަކުވާކުރުމުން ސްޓެލްކޯއިން ބުނީ ޖުލައިމަހު ކަރަންޓް ބިލް ބޮޑުވީ ކޮވިޑް ރިލީފް ޑިސްކައުންޓްގެ ގޮތުގައި ކުރިންމަހު ބިލުން އުނިކުރި ބައި ޖުލައިމަހުގެ ބިލަށް އިތުރުވުމުން ކަމަށެވެ.
ކޮވިޑާއި ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާތީ ސަރުކާރުން ވަނީ ކަރަންޓް ބިލުންނާއި، ފެން ބިލުން ޑިސްކައުންޓް ދީފައެވެ.
އެގޮތުން ގޭބިސީތަކުގެ ފެންބިލުން 30 އިންސައްތަ ޑިސްކައުންޓް، ކުދި ވިޔަފާރިތަކުގެ ފެންބިލުން 20 އިންސައްތަ ޑިސްކައުޓް، ގޭބިސީ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުޓް، ކުދި ވިޔަފާރިތަކުގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުޓް ވަނީ ދީފައެވެ.
ކަރަންޓު ބިލުގެ މައްސަލާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދާއިރު، މިމަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށް މާލެ ސިޓީގެ މޭޔަރު ޑޮކްޓަރ މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް ދިމާވެފައިވާ ކަމަށާއި، ބިލު ދައްކަން ޖެހިފައި މިވަނީ ރައްޔިތުންގެ އަތުގައި ނެތް ފައިސާއަކުން ކަމަށްވެސް ޑރ. މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޖުލައިމަހުގެ ކަރަންޓު ބިލް ބޮޑުވި މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ