ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ޖަމީލާ އަލީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޖަމީލާ ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު ނެތެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ޖަމީލާ އަލީ އައްޔަންކުރުމަށް މަޖިލީހުން ފާސްކުރިއިރު، އެ ކޮމިޝަނަށް ޝައުގުވެރިވެ ހަ ފަރާތަކުން ނަން ހުށަހެޅިއިރު އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް އޭނާ އަށެވެ. މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީގެ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުންނެވި ޖަމީލާ އަށް ލިބިވަޑައިގަތީ 86.63 ޕަސެންޓެވެ.
ޖަމީލާގެ އިތުރުން ކުރިން ވެސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޒަކަރިއްޔާ ހުސެއިން އަށް ލިބިވަޑައިގަތީ 79.28 ޕަސެންޓެވެ. މުހައްމަދު އާމިރަށް 76.19 ޕަސެންޓް ލިބިވަޑައިގެންނެވިއިރު މުހައްމަދު ހުނެއިފަށް ލިބިވަޑައިގަތީ 71.41 ޕަސެންޓެވެ. އަހުމަދު މުޖުތަބާ އަށް ލިބިވަޑައިގަތީ 68.84 ޕަސެންޓެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ޖަމީލާ މި އައްޔަންކުރީ ކުރިން މެމްބަރު ކަމުގައި ހުންނެވި އަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމަށް ސަރުކާރުން އައްޔަންކުރުމާ ގުޅިގެންނެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ޖަމީލާ އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ