މަޖިލީހުގެ ކޮމިޓީތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިދިޔަ އަހަރުގެ މަސައްކަތްތަކާ ބެހޭ ގޮތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްސަރީ ނެޓްވޯކް އިން ތައްޔާރުކުރި "ޕާލިމަންޓް ވޮޗް ރިޕޯޓް" ނެރުމަށް ޓްރޭޑާސް ހޮޓަލުގައި އޮތް ރަސްމިއްޔާތުގައި ސުވާލުކުރުމަށާއި ހިޔާލު ފާޅުކުރުމަށް ހުޅުވައިލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބިލްތައް ހަދާ އިރު ބިލްތަކަށް ބަދަލުތައް ގެނައުމަށް އެކަށީގެންވާ ގާނޫނީ ވަކީލުންނާއި ތަޖުރިބާކާރުން ކޮމިޓީތަކުގައި ނުތިބޭ ކަމަށެވެ. 
"އަޅުގަނޑުމެންގެ ކޮމިޓީތަކަކު ޓެކްނިކަލް އެކްސްޕާޓުންނެއް ނުތިބޭ ބިލްތަކަށް ދޭން ޖެހޭ އެޑްވައިސް ކޮމިޓީތަކުގެ ފެންވަރުގައި ދޭކަށް. މަޖިލީހުގެ މެންބަރުން ތިބެގެން އެ މީހުންނަށް ވިސްނޭ ގޮތަކަށް ކޮންމެ ބިލެއްގެ ޖުމްލައެއް ވެސް ބަދަލުކުރަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ޕޮލިސީތައް ނިންމުމުން އެ ބިލްތައް ޑްރާފްޓްކޮށް ފިނިޝްޑް ޕްރޮޑަކްޓެއް ގެނެސްދޭނެ އެހެން ބަޔަކު މަޖިލީހުގައި ނުތިބޭ ކަމަށާއި މަޖީސް ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. 
"މަޖިލީހުގެ މެންބަރުން ތިބެގެން އަކުރެއް ޖަހާނީ ވެސް، ފިއްޔެއް ޖަހާނީ ވެސް، ކޮމާއެއް ޖަހާނީ ވެސް،" ނަޝީދު ވިދާޅުވި އެވެ. 
މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު ވަނީ ކޮމިޓީތައް ހަރުދާކުރުމަށް ބާރު އަޅައިދިނުމަށް އެންޖީއޯތަކަށް ގޮވާލައްވައިފަ އެވެ. 
އޭނާ ވިދާޅުވީ މަޖިލީހާ ބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކުރާ އިރު ހަމައެކަނި ޓީވީން ފެންނަ ޖަލްސާތަކެއްގެ މައްޗަށް ނުވަތަ ހާޒިރީގެ މައްޗަށް ބިނާކޮށް ތަފާސްހިސާބުތަކެއް ތައްޔާރުކުރުމުން މަޖިލީހުގެ މަސައްކަތް ނޭނގޭނެ ކަމަށާއި މަޖިލީހުގެ އަސްލު މަސައްކަތްތައް އޮތީ ކޮމިޓީތަކުގައި ކަމަށްވާ އިރު އެފަދަ ރިޕޯޓެއް ފުރިހަމަވާނީ ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ހިމަނައިގެން ކަމަށެވެ. 
މަޖިލިސް ވޮޗް ރިޕޯޓުގައި ކޮމިޓީތަކުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތުތައް ހިމަނާފައެއް ނުވެ އެވެ. 
"މަޖިލީހުގެ ޖަލްސާ އަކީ މުޅި މަޖިލީހުގެ ނިޒާމްގެ ތެރެއިން މަޖިލީހުގައި ހިނގާ މަސައްކަތުގެ ކުޑަކުޑަ ބައިކުޅަ ބައެއް. މައިގަނޑު އިންޖީނަކީ މަޖިލީހުގެ ކޮމިޓީތައް،" ނަޝީދު ވިދާޅުވި އެވެ.
    
    މަޖިލީހުގެ ކޮމިޓީތަކުގެ ހާލަތު ވަރަށް ދަށް: މެމްބަރު ނަޝީދު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
            