އަޑާއި ޓީވީއެމް އަދި ސިޓީ ކައުންސިލުން ކަރަންޓް ކަނޑާލަނީ!

މާލޭ ސިޓީ ކައުންސިލަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދަށުން ހިންގާ ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް އަށް ތަކުރާރުކޮށް "ރަތް ބިލް" ފޮނުވުމުން ވެސް ފައިސާ ދައްކާފައިނުވާތީ އެ ތަންތަނުން ކަރަންޓް ކަނޑާލަން ސްޓެލްކޯ އިން ނިންމައިފި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި އެމްބީސީން ނުދައްކާ އޮތީ ވޭތުވެދިޔަ ފަސް މަހުގެ ކަރަންޓް ބިލަށްވާ 7.1 މިލިއަން ރުފިޔާ އެވެ. އަދި ސިޓީ ކައުންސިލުން ނުދައްކާ އޮތީ 6.8 މިލިއަން ރުފިޔާ އެވެ.
ކަރަންޓް ކަނޑާލުމަށް ސްޓެލްކޯގެ މުވައްޒަފުން މިއަދު ޓީވީއެމަށް ދިއުމުން އެ މީހުން އެ ތަނަށް ވަނުމަށް ޓީވީއެމުން ހުރަސްއެޅި އެވެ. ސްޓެލްކޯ މުވައްޒަފުން ޓީވީއެމަށް ވެއްދީ 15 ވަރަކަށް މިނެޓް ފަހުންނެވެ.
ކަރަންޓް ކަނޑާލުމަށް ސްޓެލްކޯގެ މުވައްޒަފުން ޓީވީއެމަށާއި ސިޓީ ކައުންސިލަށް ދިޔަ ނަމަވެސް މިއަދު ތިނެއް ޖެހިއިރު ވެސް އެ ދެ ތަނުގެ ކަރަންޓް ކަނޑައެއްނުލަ އެވެ. ކަރަންޓް ކަނޑާނުލައި މައްސަލަ ހައްލުކުރެވޭތޯ ފިނޭންސާ މަޝްވަރާކުރަމުން އަންނަ ކަމަށް އެމްބީސީ އާއި ސިޓީ ކައުންސިލުން ވެސް ބުންޏެވެ. ކަރަންޓް ބިލަށްވާ ފައިސާ ހޯދަން މަސައްކަތްކުރި ނަމަވެސް އަދި ފައިސާ ހަމަނުޖެހޭ ކަމަށް ވެސް އެ ދެ ތަނުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ތަނުގެ ކަރަންޓް ބިލް ނުދެއްކި ލަސްވެފައިވަނީ ފިނޭންސް މިނިސްޓްރީގެ ސަބަބުން ކަމަށެވެ.
"ކައުންސިލުން ފިނޭންސް މިނިސްޓްރީ އަށް އަންގާފައި އޮންނާނީ ސްޓެލްކޯ އަށް ފައިސާ ދައްކަން،" ޝުޖާއު ވިދާޅުވި އެވެ.
ފައިސާ ނުދެއްކިގެން އުޅެނީ ފިނޭންސް މިނިސްޓްރީގެ ސަބަބުން ކަމަށް ސިޓީ ކައުންސިލުން ބުނި ކަމުގައި ވިޔަސް، އެ މިނިސްޓްރީގެ ކަމާ ބެހޭ ދެ ބޭފުޅުންނަށް ގުޅުމުން ވެސް އެ ކަމާ ބެހޭ ސާފު ޖަވާބެއް ނުދެއްވަ އެވެ. ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލް ޝަފީގު ވިދާޅުވީ ބޭނުންވާ މައުލޫމާތު ހޯދުމަށް ލިޔުމަކުން ހުށަހެޅުމަށެވެ. އަދި ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އަހްމަދަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ