އިއްޔެ ކަރަންޓް ކަނޑާނުލީ ފިނޭންސުން ފައިސާ ދައްކާނެ ކަމަށް ބުނުމުން: ސްޓެލްކޯ

ކަރަންޓް ބިލްތަކުން ސްޓެލްކޯ އަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ހުރެގެން ސަރުކާރުގެ ބައެއް ތަންތަނުން ކަރަންޓް ކަނޑާލަން އިއްޔެ އުޅުނު ނަމަވެސް އެކަން މަޑުޖައްސާލީ، ބިލްތަކަށް ފައިސާ ދައްކާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް "ހަވީރަ"ށް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން ވެސް ކަރަންޓް ކަނޑާލަން ނިންމާފައި ވަނީ ބިލް ނުދައްކާ މައްސަލަ މެނޭޖްމަންޓުން ބޯޑުގެ ސަމާލުކަމަށް ގެނައުމުން އެކަމާ މެދު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް ބޯޑުން ނިންމަން ޖެހުނީ "ކަރަންޓް ކަނޑާލުން ނޫން އިތުރު ގޮތެއް ނެތިގެން މަޖުބޫރުވުމުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ތެލުގެ ބިލްތަކަށް އެސްޓީއޯ އަށް ދައްކަން ޖެހޭ 80 ވަރަކަށް މިލިއަން ރުފިޔާ ވެސް، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާތީ ތާށިވެގެންދިޔަ އެވެ.
"ކަރަންޓް ކަނޑާލަން ސްޓެލްކޯ އިން ނުދާނެ ހަމައެކަނި [ބިލް ނުދައްކާ] އޮތް ފަރާތަށް އަންގާފައި. ސަރުކާރުގެ ތަނަކުން ކަރަންޓް ކަނޑާލަން ދާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ތަކުރާރުކޮށް އަންގައި ގޮތެއް ނެތީމަ،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯ އިން އިއްޔެ ކަރަންޓް ކަނޑާލަން ދިޔަ ތަންތަނުން ކަރަންޓް ކަނޑާނުލީ ޝަރީފް ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. ސަރުކާރުން ކަރަންޓް ބިލަށް ފައިސާ ދައްކަން ހުރި ތަންތަނުގެ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ސިޓީއަކުން ދީފައިވާ ކަމަށާއި އެގޮތުން ފުރަތަމަ ޕޭމަންޓް މިއަދު ދައްކާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ހަ މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން މިއަދު ދައްކާނެ ކަމުގެ މައުލޫމާތު ވަނީ ބޯޑަށް ލިބިފަ އެވެ. ދެން ވެސް ނުދައްކާ ހުރި ބިލްތައް ވަކި އުސޫލަކުން ދައްކާނެ ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ