ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާއިރު އޭގައި އިންތިހާ އަށް ކޮރަޕްޝަން ހިމެނޭ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް މުހައްމަދު ވަހީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ވަހީދަށް ގާސިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ގެ ޕަސެންޓް ހިއްސާ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކާސާ ހޮލްޑިން އަށް ވިއްކާލަން ނިންމާފައިވަނީ "ބައްލަވަންވާ ވަރަށް ނުބައްލަވާ" ކަމަށެވެ. ކާސާ ހޯލްޑިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކުންފުންޏެކެވެ.
ގަމު އެއާޕޯޓްގެ އަގު 200 މިލިއަން އެމެރިކާ ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް ވުރެ ކުޑަނުވާނެ ކަމަށާއި ނަމަވެސް އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވިއްކާލަން ނިންމީ 60 މިލިޔަން ރުފިޔާ އަށް ކަމަށާއި "މިއީ ވަރަށް ކުޑަ މިންވަރެއް" ކަމަށް ގާސިމް ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި ގަން އެއާޕޯޓް ތަރައްގީކުރަން ހަރަދުވާނީ 44 މިލިޔަން ޑޮލަރު ) 678 މިލިއަން ރުފިޔާ( ކަމަށް ކަނޑައަޅާފައިވާއިރު، އެ ޕްރޮޖެކްޓް ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު ) 370 މިލިއަން ރުފިޔާ( އިން ނިންމޭނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
"އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ އަގަބަހުން ވިދާޅުވި ކަންތައްތަކަށް ބަލާއިރު މި ޕްރޮޖެކްޓަށް ގާތްގަޑަކަށް 24 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ކުރަން ނުޖެހޭނެކަމަށް އަޅުގަޑަށް ޤަބޫލުކުރެވޭކަމާއި، މިކަން މަނިކުފާނު ސާބިތުކުރައްވަން ބޭނުންފުޅުނަމަ މިދެންނެވި ޕްރޮޖެކްޓް ހަމައެކަނި ޗައިނާގައި އޯޕަން ޓެންޑަރެއް ހުޅުވާލެއްވިޔަސް އެކަން ޔަޤީންވެ ވަޑައިގަންނަވާނެއެވެ،" ގާސިމް ފޮނުއްވި ހަ ސޮފްހާގެ ސިޓީގައިވެ އެވެ.
އޭއައިއޭ އަކީ ގަން އެއާޕޯޓް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އަދި އެސްޓީއޯ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.
ކާސާ ހޯލްޑިން އަށް ވިއްކަން ގަސްދުކޮށްފައިވާ އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވިއްކާލުމުން އަދި ސަރުކާރުގެ ތިން ކުންފުންޏަށް 30 ޕަސެންޓް ހިއްސާ އޮތުމުން، ގާނޫނީ ހަމަތަކަށް ބަލާއިރު ބާކީ އޮތް 40 ޕަސެންޓް ހިއްސާ ވަކި ފަރާތަކަށް ވިއްކަން ނިންމުމުގެ ގާނޫނީ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް ގާސިމްގެ ސިޓީގައިވެ އެވެ. އަދި އެ ހިއްސާ ކާސާ ހޯލްޑިން ބޭނުންވާ ގޮތަކަށް ވިއްކާލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މި 40 ޕަސެންޓް ޙިއްޞާ ވިއްކުމަށް ބާއްވާ ބޯޑް މީޓިންގ ގައި ސަރުކާރު ތަމްސީލްކުރާ މެމްބަރަކު ޙާޟިރު ނުވެއްޖެނަމަ ކާސާ ހޯލްޑިންގ އިން ބޭނުންވާ ގޮތަކަށް، ބޭނުންވާ އަގަކަށް، ބޭނުންވާ ފަރާތަކަށް އެ % 40 ޙިއްޞާ އެފަރާތުން ވިއްކާލުމުގެ ބާރު ލިބިގެން ދިއުން،" ގާސިމްގެ ސިޓީގައި ވެ އެވެ. "އަޅުގަޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މި ބާވަތުގެ ކަންތައް ނިމިގެން ގޮސްފައިވާ ގޮތަށް ބަލާއިރު ދަންނަވަން އޮތީ މިކަން ނިމިގެންދާއިރު އާޚިރު ނަތީޖާއަކަށް ވާނީ މިހާރު ނުވިއްކާ އޮތް 40 ޕަސެންޓް ޙިއްޞާ ކާސާ ހޯލްޑިންގ އިން ބޭނުންވާ ފަރާތަކަށް ލިބުމާއި، މި ޙިއްޞާ ލިބުމާއެކު 70 ޕަސެންޓް ޙިއްޞާ ކާސާ ހޯލްޑިންގ ގެ ކޮންޓްރޯލްގެ ދަށަށް ދިއުމުގެ ފުރުޞަތު ހުޅުވި، މިފުރުޞަތުގެ ދަށުން ބޭރުގެ އެހެން ފަރާތަކަށް އޭ.އައި.އޭ ގެ 51 ނުވަތަ އެއަށްވުރެ ބޮޑު ޙިއްޞާއެއް ވިއްކާލުން."
އެ ގޮތަށް އެއާޕޯޓް ވިއްކާލާ ފަރާތަކީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ކިތައްމެ ބޮޑު ގެއްލުމެއް އޮތަސް އަދި ސަލާމަތާއި އަމާންކަމަށް ނުރައްކާ އޮތަސް ގާނޫނީ ގޮތުން ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވެ އެވެ.
"ދެން ކުރެވެން އޮންނާނެހާވެސް ކަމަކީ އޭ.އައި.އޭ އާއިއެކު ކުރެވިފައިވާ ކޮންޓްރެކްޓް ކެންސަލް ކުރުން ކަމާއި މިފަދަ ޙާލަތެއްގައި ދަޢުލަތަށް ޖެހޭނީ ކުޅަދާނަވެގެން ނުވާނެވަރުގެ ކޮމްޕެންސޭޝަނެއް އެފަރާތަށް ދިނުންކަމާއި، އަދި މީގެ އިތުރުން ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި މިޤައުމުގެ އަގުވެއްޓުންކަމާއި، މިކަމުގެ ސަބަބުން ހިތަށް ވެސް ނާރާވަރުގެ ނިކަމެތިކަން ޤައުމަށް މެދުވެރިވެގެން ދިއުން،" ގާސިމް ވިދާޅުވެފައިވެ އެވެ.
ގަން އެއާޕޯޓް ތަރައްގީކުރުން ކުރިއަށް ގެންދަންވާނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެން ކަމަށާއި އެ ކުންފުންޏާ ހަވާލުކޮށްގެން ގަން އެއާޕޯޓް ތަރައްގީކުރާނަމަ އެއާޕޯޓް ތަރައްގީކުރަން ބޭނުންވާ ބިން ހިލޭ ހިއްކައި ދޭނެ ކަމަށް ވެސް ސިޓީގައި ވެ އެވެ.
"އެމްއޭސީއެލް އާއި ހަވާލުކޮށްގެން މި އެއާޕޯޓް ތަރައްގީކުރާ ކަމަށްވާނަމަ އަޅުގަޑު މިހިރީ އަޅުގަޑުގެ އަމިއްލަ ޑްރެޖަރ އާއި މުވައްޒަފުންނާއި، މެޝިނަރީޒް ބޭނުންކޮށްގެން އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ހިއްކަންޖެހޭ ބައި ސަރުކާރުން ހަމައެކަނި ތެޔޮ ދޭ ގޮތެއްގެ މަތިން ހިލޭކޮށްދިނުމަށް،" ގާސިމް ވިދާޅުވި އެވެ.
ގަން އެއާޕޯޓް ދިނުމުގައި އިންތިހާ އަށް ކޮރަޕްޝަން ހިމެނޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ