ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފިކަން އެމްޑީޕީން އިއުލާނުކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ އެމްޑީޕީ އަށް ސޮއިކުރެއްވި ކަމަށް މި ހަފުތާގައި އަޑުފެތުރުމުން އޭނާ ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އޭނާ އޭރު ވިދާޅުވީ އަދި އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާ ކަމަށާއި ވަގުތު ޖެހުމުން އެކަން އެނގޭނެ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް އަދި ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) "ހަވީރަ"ށް ވިދާޅުވީ އަލީ މުހައްމަދު އެ ޕާޓީ އަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ މިއަދު ކަމަށެވެ. އަދި އެއީ އެ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހާއްސަކޮށް އެ ދާއިރާގެ އަޣުލަބިއްޔަތު ތަފާތު ބޮޑުކޮށް އެމްޑީޕީ އަށް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލިބެ ގުޅިވަޑައިގަތުމުން އެ ދާއިރާގެ އަޣުލަބިއްޔަތު ތަފާތު ބޮޑުކޮށް އެމްޑީޕީ އަށް ލިބޭނެ، ހާއްސަކޮށް އަލިބެ ނިސްބަތްވެވަޑައިގަންނަވާ ހޮޅުދޫ އިން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތައް އެކި ބޭފުޅުން ގެންދަވަނީ ބައްލަވަމުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ އިތުރު ބޭފުޅުން އެބަތިއްބެވި ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އަލީ މުހައްމަދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން، މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެމްބަރުންގެ ޖުމުލަ އަދަދަކީ 31 އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަލިބެ އެމްޑީޕީ އަށް ސޮއިކުރައްވާފައި މި ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން، އަމިއްލަ މެންބަރެއްގެ ގޮތުގައި ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހުގަ އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު އަލިބެ އެމްޑީޕީ އަށް ސޮއިކުރެއްވިކަން އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ