ޔާމީނަށް ޓިކެޓް ލިބުމަކީ ޕާޓީތަކުން ޕީޕީއެމާ ކޯލިޝަން ހަދަން ނުޖެހޭ ސަބަބެއް ނޫން: މައުމޫން

މި އަހަރުގެ ރިއާސީ އިންތިހާބުގައި ޕީޕީއެމްގެ ރިއާސީ ޓިކެޓް، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތުމަކީ އެހެން ޕާޓީތަކުން ކޯލިޝަން ނުހަދާނެ ސަބަބެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އަދި އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދާ ވެސް ޕީޕީއެމަށް އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕްރައިމަރީގައި އުމަރު ނަސީރާ ވާދަކުރައްވައި ކުރި ހޯއްދެވި ޔާމީނަށް ރިއާސީ ޓިކެޓް ލިބިވަޑައިގަތުމުން ޕީޕީއެމާ އެކު ކޯލިޝަން ހަދާނެ ބަޔަކު ނުތިބޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން މައުމޫން ވިދާޅުވީ "އެއީ ރަނގަޅު ވާހަކައެއް ނޫން" ކަމަށެވެ.
ޕީޕީއެމަކީ ހުޅުވިފައިވާ ޕާޓީއެއް ކަމަށާއި ވަކި ކެންޑިޑޭޓަކަށް ރިއާސީ ޓިކެޓް ލިބުމަކީ ކޯލިޝަން ނުހަދާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދުވަހަކު ވެސް ދޮރެއް ލައްޕައެއް ނުލާނަން. އަދި މިހާރު ވެސް ލައްޕާފައެއް ނޫން ހުރީ. އެހެންވީމާ އަޅުގަނޑުމެން އެހެން ޕާޓީތަކާ ގުޅެން މަޝްވަރާކުރާނަން،" ޕްރައިމަރީ އަށް ފަހު ޕީޕީއެމްގެ އެންމެ އިސް ވެރިޔާ ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ.
"ކޯލިޝަނަކަށް ދިއުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫން. އަޅުގަނޑު މިބުނާ ވާހަކަ އަކީ އަޅުގަނޑުމެންގެ ޕާޓީ އަކީ މުސްތަގިއްލު ޕާޓީއެކޭ. އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ ހަމައެކަނި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާމިޔާބު ކުރުމޭ. އެކަމަކު އެކަން ކުރުމަކީ ސިޔާސީ މާހައުލު އޮތް ގޮތުން ދަތި ކަމަކަށް ވަންޏާ، ނުވާނެ ކަމުގެ އިޝާރާތްތަކެއް ފެނިފައި އޮތް ކަމަކަށް ވަންޏާ އަޅުގަނޑުމެން ވެސް އެހެން ޕާޓީތަކާ ވާހަކަ ދައްކައިގެން ކޯލިޝަން ހެދޭތޯ ބެލުމަކީ ނެތް ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދައި ވެސް ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރައްވާ ކަމަށެވެ.
މައުމޫންގެ ދަރިކަލުންނާއި ދަރިކަނބަލުންގެ ތާއީދާ އެކު ޔާމީނަށް ރިޔާސީ ކެންޑިޑޭޓް ކަން ލިބިވަޑައިގަތުމަކީ ޕީޕީއެމްގައި އާއިލީ ވެރިކަމުގެ ސިފަތައް އެކުލެވޭ ކަމެއް ކަމަށް، އިންތިހާބުގެ ކެމްޕޭންގައި ބައެއް މީހުން ދައްކާފައިވާ ވާހަކަތަކަށް ވެސް މައުމޫން މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.
"އަޅުގަނޑުމެން ނުބަލަން އާއިލާއަކަށް. އަޅުގަނޑުމެން ބަލަނީ ކޮންމެ މީހެއްގެ ވެސް ގާބިލްކަމާއި ތަޖުރިބާ އާއި އެ މީހަކު ކާމިޔާބުވުމުގެ ފުރުސަތު އޮތް ވަރަކާ. އެ މީހަކީ އަޅުގަނޑުގެ ކޮއްކޮ ކަމަށް ވިއަސް އަދި ބޭބެ ކަމަށް ވިއަސް ބައްޕަ ކަމަށް ވިއަސް ކޮބައިތޯ މައްސަލަ އަކީ؟ އަޅުގަނޑުމެން ބޭނުން ވަނީ ގައުމަށް ހިދުމަތްކުރަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު އާއިލާގެ އެކި ބޭފުޅުން ސަރުކާރުގެ ބައެއް މަގާމްތައް ފުރުއްވާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ބޭފުޅުން ގައުމަށް ހިދުމަތް ކުރައްވާފައި ވަނީ ގާބިލްކަމާ އެކުގައި ކަމަށާއި އެކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެ އެކަނި ކީއްކުރަންތޯ؟ ބައްލަވާ އިންޑިއާ އަށް، ބައްލަވާ އެމެރިކާ އަށް،" ޑިމޮކްރަސީގެ ބޮޑު ދެ ގައުމަށް މިސާލު ޖައްސަވަމުން މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީ އަކީ ޑިމޮކްރަސީގެ މުހިއްމު ހަރަކާތެއް ކަމަށާއި އެ އިންތިހާބުން، ޕީޕީއެމަކީ ޒިންމާދާރު ތަސައްރަފު ފުދިފައިވާ މެމްބަރުން ތިބި ޕާޓީއެއްކަން އަންގައިދީފައިވާ ކަމަށެވެ. އަދި ޕާޓީން ކުރިން ވެސް ނިންމާފައިވާ ގޮތަށް، ވަކި ފަރާތެއް މޮޅުވި ނަމަވެސް ޕާޓީގެ އެއްބައިވަންތަކަމަށް ބުރުލެއް ނާރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މައްސަލަ ނުޖެހި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ބޭފުޅަކާއި އިންތިހާބުގައި ވާދަކުރައްވައި އެ ނަސީބު ލިބިވަޑައިނުގެންނެވި ބޭފުޅަކާ މި ތިއްބެވީ. އެ ދެ ބޭފުޅުން ވެސް އެއްގަލަކަށް އަރާވަޑައިގެން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިއުލާންކުރަން ފެށުމުން އުމަރު ނަސީރު އެމަނިކުފާނަށް ގުޅުއްވި ކަމަށެވެ. އަދި ޑިމޮކްރަސީގެ ރީތި ހަމަތަކާ އެކު ބަލި ގަބޫލުކުރައްވައި، ސާބިތުކަމާ އެކު ޕާޓީއާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެ ޕާޓީގެ މެމްބަރުން އިއްޔެ ދެއްކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެކެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދިޔައީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި އެގޮތަށް ނިމުނީ ޕާޓީގެ މުއައްސަސާތަކުގެ މަސައްކަތާއި މެމްބަރުންގެ އިހްލާސްތެރިކަމުން ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްގެ ރައީސްކަމުގައި ހުންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕްރައިމަރީގައި ޔާމީނާއި އުމަރު ދައްކުވައިދީފައިވާ ނަމޫނާ އަށް ވެސް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ޕްރައިމަރީގައި މައުމޫން ތާއީދުކުރެއްވީ ކޮން ބޭފުޅަކަށްތޯ ދެންނެވުމުން އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ. ޕާޓީގެ މަސްލަހަތަށްޓަކައި ވަކި ފަރާތަކަށް ތާއީދުނުކުރައްވައި ހުންނެވުމަށް ފަހު އިއްޔެ އެމަނިކުފާނު ވަކި ބޭފުޅަކަށް ވޯޓު ދެއްވި ނަމަ މެމްބަރުން ދެކޭ ގޮތް ތަފާތުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ވަކި ކޮޅަށް ބުރަނުވެ ސީދާ މެދުގައި ހުންނެވީ ކަމަށާއި އެކަން ކާމިޔާބުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އިއްޔެ ނުކުމެ އަޅުގަނޑު ވަކި ފަރާތަކަށް ވޯޓު ދީފި ނަމަ އޭރުން ކުޑަކޮށް ފުށުއަރާ ދެއްތޯ، އަޅުގަނޑު ބުނި އެއްޗަކާ. ޕްރައިމަރީ ނިމެންދެން ވަކި ފަރާތަކަށް ނުޖެހޭނަމޭ ބުނެފައި ވޯޓުލާން ދިޔައިމާ އެހެން ގޮތެއް ފެނިދާނެ. އެހެންވެ އަޅުގަނޑު ހިތަށްއެރީ އޭގެ އެންމެ ރަނގަޅު ގޮތަކީ ވޯޓުލާން ނުދިއުމޭ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ