ރަޝިޔާގެ ހެކަރަކީ ސިޔާސީ މީހެއްގެ ދަރިއެއްކަން ކުރިން އެނގުނު ނަމަ އަމަލުކުރި ގޮތް ތަފާތުވާނެ: އުމަރު

ރަޝިޔާގެ ހެކަރު ރޯމަން ވެލެރެވިކް ސެލެޒްނޯވް ރާއްޖޭން ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރި އިރު އޭނާއަކީ ސިޔާސީ ބޭފުޅެއްގެ ދަރިއެއް ކަމެއް ނޭނގޭ ކަމަށާއި އެނގުނު ނަމަ އަމަލުކުރި ގޮތް ތަފާތުވީސް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހު އެމެރިކާއާ ހަވާލުކުރި ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވެލެރީ ސެލެޒްނޯވްގެ ފިރިހެން ދަރިފުޅާ ބެހޭ ގޮތުން ރާއްޖެއަށް އެނގިފައި އޮތީ އޭނާގެ ކުށުގެ މައުލޫމާތު އެކަންޏެވެ. އޭނާއަކީ ސިޔާސީ ގޮތުން ރަޝިޔާގައި ހައި ޕްރޮފައިލް މީހެއްކަން އެނގިފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."މިކަހަލަ ހައި ޕްރޮފައިލް މީހެއްކަން އެނގުނު ނަމަ އަޅުގަނޑުމެން ރަޝިޔާއާ ވާހަކަ ދެއްކީސް. ވާހަކަ ދައްކާ އެ މީހުން އެކަމާ ދެކެނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާލީސް. އަޅުގަނޑުމެން ވެސް އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ރަޝިޔާ ހިތްހަމަ ނުޖެހޭ ކަމެއް ކުރާކަށް،" ހޯމް މިނިސްޓްރު ފުރަތަމަ ފަހަރަށް މި މައްސަލާގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވެލެރީ ސެލެޒްނޯވް: އެމެރިކާގެ އެޖެންޓުން ރާއްޖޭން ހައްޔަރުކުރީ އޭނާގެެ ފިރިހެން ދަރިފުޅު އޭނާ ވިދާޅުވީ ރަޝިޔާ ރުޅި އަންނަ ކަމެއް މި ސަރުކާރުން ކުރަން ބޭނުމެއް ނުވާ ކަމަށެވެ. އަދި ރަޝިޔާ އާއި އެމެރިކާއާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހެކަރު ރާއްޖެ އައިކަން ވަގުތުން އެނގުނު ކަމަށާއި އޭނާގެ މައްޗަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައި އޮތުމުން އެކަން އެމެރިކާ އަށް އެންގި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.ރާއްޖޭގެ ކޯޓެއްގެ އަމުރެއް ނެތި ހެކަރު ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި އޭނާ އެމެރިކާއިން ކިޑްނެޕް ކުރީ ކަމަށް ރަޝިޔާއިން ބުނެފައި ވާއިރު، މިނިސްޓަރު ވިދާޅުވީ އެއީ "ގާނޫނީ އޮޕްރޭޝަނެއް" ކަމަށެވެ. އެކަން ބޮޑު މައްސަލައަކަށް ވީ އޭނާއަކީ ސިޔާސީ މީހެއްގެ ދަރިއަކަށް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ