މަޑުއްވަރީ ދާއިރާގެ އެމްޑީޕީ ޓިކެޓް ވިސާމަށް ލިބިއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ރ. މަޑުއްވަރީ ދާއިރާގެ ޓިކެޓް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ވިސާމް އަލީ އަށް ލިބިވަޑައިގެންފި އެވެ.އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވިސާމަށް މަޑުއްވަރީ ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި އާދަމް ޝިހާމް ނަން އަނބުރާ ގެންދެވުމުން ކަމަށެވެ. އެހެންކަމުން، އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ ވިސާމް ކަމަށް ވާތީ އޭނާ އަށް ޓިކެޓް ދިނީ ކަމަށް އެ ޕާޓީން ބުންޏެވެ. ހޮވަންޖެހޭ އަދަދަށް ވުރެ އިތުރަށް މެމްބަރުން ކުރިމަތިލާފައި ނުވާތީ، ޕްރައިމަރީއަކާ ނުލައި ވިސާމްގެ އިތުރުން ވެސް ބައެއް މެމްބަރުންނަށް ޓިކެޓް ކަށަވަރުވެފައިވެ އެވެ. އެއީ ހެންވޭރު މެދު ދާއިރާ އަށް އަލީ އާޒިމާއި ގަލޮޅު އުތުރު ދާއިރާ އަށް އީވާ އަބްދުﷲގެ އިތުރުން މާފަންނު އުތުރު ދާއިރާ އަށް އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އީވާ އާއި އިމްތިޔާޒު މިހާރު ވެސް މަޖިލީހުގައި ހިމެނިވަޑައިގަންނަވާއިރު، ސާބިތު ދަރަނީގެ މައްސަލައެއްގައި އާޒިމްގެ ގޮނޑި ވަނީ ގެއްލިފަ އެވެ.އަންނަ މާޗު މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ 13 ދާއިރާ އިން އެމްޑީޕީގެ ޓިކެޓް ހޯދަން ކުރިމަތިލާފައިވާ މެމްބަރުންގެ ތެރޭގައި މަޖިލީހުގައި މިހާރު ވެސް އެ ޕާޓީ ތަމްސީލްކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވެޑައިގަންނަވާ މެމްބަރުން ވެސް ވާދަކުރައްވާ އިރު ބައެއް ދާއިރާތައް ފެންނަނީ ވަރަށް ވާދަވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ