އައްޑޫއަށް ކަރަންޓް ދިނުމަށް އިންޖިނޭރުން ދަނީ މަސައްކަތް ކުރަމުން: ފެނަކަ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކާ، ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތް އެކުންފިނީގެ އިންޖިނިއަރުންގެ ޓީމަކުން މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކަ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރަށް މައްސަލަ ދިމާވި ނަމަވެސް އެހެން ޖަނަރޭޓަރުތައް ބޭނުން ކޮށްގެން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ކަމަށާއި ނަމަވެސް މުޅި އައްޑޫ ސިޓީގެ ލޯޑް ނުހިފެއްޓޭތީ، އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާކަމަށެވެ. އަދި ކަރަންޓްގެ ޚިދުމަތް އާއްމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށާއި، ކަރަންޓް ބޭނުން ކުރަމުންދާ މިންވަރު ވީހާވެސް މަދުކުރެއްވުމަށް ކުންފުނީގެ ފަރާތުން އިލްތިމާސް ކުރާކަމަށް ބަޔާނުގައިވެއެވެ. ފެނަކައިން ވަނީ ކަރަންޓް ކަނޑަން ޖެހޭތީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. މި ބަޔާނުގައި އައްޑޫ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ރައްޔިތުންގެ ކެތްތެރިކަމަށްޓަކައި ފެނަކަ އިން ޝުކުރު އަދާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ